އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ޖޭޕީގެ ތާއިދު ހޯއްދެވުމަށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ބައްދަލު ކުރައްވައިފި އެވެ.
އަދާލަތު ޕާޓީގެ އިސްބޭފުޅަކު "ހުރިހާ" އަށް ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޖޭޕީގެ ލީޑަރު ގާސިމް އާއި ބައްދަލު ކޮށްފައި ވަނީ އިއްޔެ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ކަމަށެވެ. އަދި ގާސިމް އާއި ބައްދަލު ކުރެއްވުމަށް އިމްރާން ސަން އައިލެންޑަށް ވަޑައިގަތީ އިއްޔެ ހެނދުނު ކަމަށާ އިއްޔެ ހަވީރު ދެ ބޭފުޅުން ވަނީ އެނބުރި މާލެ ވަޑައިގެންފަ އެވެ.
ގާސިމް އާއި އިމްރާންގެ މި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ޖޭޕީ އިން ވެސް އަދި އަދާލަތު ޕާޓީ އިން ވެސް ނުދެ އެވެ. އެހެން ނަމަވެސް ހުރިހާ އަށް އިނގިފައިވާ ގޮތުގައި މި ދެ ބޭފުޅުން ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މެދު މަޝްވަރާ ކުރެއްވި އެވެ. އަދި ރައީސް ސޯލިހު އަށް ތާއިދު ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށް ހުރިހާ އަށް ވަނީ އެނގިފަ އެވެ.
މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު އަށް ރިޔާސީ އިންތިހާބުގައި ތާއިދު ކުރުމަށް ނިންމާފައި ވަނީ ހަމަ އެކަނި އަދާލަތު ޕާޓީންނެވެ.
ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ބުނެފައި ވަނީ ކޯލިޝަން ހެދުމައި މެދު ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
އެހެން ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ކޯލިޝަނަކާ ނުލާ ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނުކުތުމަށް ޖޭޕީގެ ކޮންގްރެސްގައި ފާސްކޮށް ކައުންސިލް އިން ގޮތެއް ނިންމުމަށް ޖޭޕީގެ ކައުންސިލަށް ފޮނުވާފަ އެވެ.