ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީންނާ މެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މިހާތަނަށް ރައްޖެއިން ޑީޕޯޓް ކުރީ އެންމެ މީހެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން ޑީޕޯޓް ކޮށްލެވޭ ގޮތަށް ހެދި ގަވާއިދު އަންމު ކުރީ މި އަހަރުގެ ޖެނުއަރީ 26 ގަ އެވެ. އެ ގަވާއިދުގެ ދަށުން މިހާތަނަށް ޑީޕޯޓް ކޮށްލާފައި ވަނީ އެންމެ މީހެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އެ ގަވާއިދުގެ ދަށުން މިހާތަނަށް ރާއްޖެ އިން ފޮނުވާލާފައިވަނީ ކިތައް މީހުންކަމާ އަދި އެމީހުން ހަވާލުކުރީ އެ ގައުމުގެ ސަރުކާރާތޯ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރަގެ މެމްބަރު ހަސަން ލަތީފް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ހަސަންގެ ސިޓީ އަށް ޖަވާބު ދެއްވުމަށް މިނިސްޓަރު މާރިޔާ ވަނީ އެފަދަ މައްސަލަތަކުގައި ކަސްޓަމްސް އާއި އިމިގްރޭޝަނުން އަމަލުކުރާގޮތް ސިޓީ އަކުން ސާފުކޮށްދެއްވައިފަ އެވެ.

ކަސްޓަމްސްގެ ސިޓީގައި ވަނީ ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓޭ މީހުންނާއި މެދު އަމަލުކުރުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ރޯލަކީ ރާއްޖެ އެތެރެވާ މީހުންނާއި އެމީހުންގެ ލަގެޖް ބަލައި ފާސް ކުރުން ކަމަށް ބުނެފަ އެވެ. އަދި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ފެނިއްޖެނަމަ ފުލުހުންނާއި މަސްތުވާތަކެތި ހަވާލުކޮށް ފަސިންޖަރު އަނބުރާ އިމިގްރޭޝަނާ ހަވާލުކުރާ ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީންނާ މެދު އަމަލު ކުރާ ގަވާއިދުގެ ދަށުން މިހާތަނަށް އިމިގްރޭޝަނުން އަނބުރާ ފޮނުވާލާފައިވަނީ އެންމެ މީހެއް ކަމަށް ބުންޏެވެ. އަދި އެއީ މި އަހަރުގެ ފެބުރުއަރީ 6 ގައި ރާއްޖެއަށް އައި މީހެއް ކަމަށާއި އެމީހާގެ ލަގެޖް ބަލާ ފާސްކުރި އިރު މަސްތުވާ ތަކެތި ފެނިފައިވާ ކަމަށާއި އެމީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ލަގެޖުން 2.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި އެ މީހާއަކީ ރާއްޖެ އެތެރެ ވުމުގެ ހުއްދަ އޮތް މީހަކަށް ނުވާތީ އެމީހާ އިމިގްރޭޝަނާ ހަވާލުކޮސްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ފޮނުވި ސިޓީގައި ވަނީ ރާއްޖެ އަކީ 1974 އިން ފެށިގެން "އައިކާއޯ"ގެ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަންގެ މެންބަރު ގައުމެއް ކަމަށާއި އެހެންވެ އައިކާއޯގެ މެމްބަރު ގައުމަކަށްވެ ރާއްޖެ އެތެރެވާން ހުއްދަ ނުލިބޭ މީހުން ލަސް ނުކޮށް ފޮނުވާލަން ޖެހޭ ކަމަށް އިމިގްރެޝަނުން ބުނެފައިވެއެވެ.

އެ ކޮންވެންޝަންގެ އާޓިކަލްގެ 23 ވަނަ މާއްދާގެ ދަށުން "އިން އެޑްމިސަބަލް ޕެސެންޖާ" އެއްގެ ގޮތުގައި އެފަދަ މީހުން ފޮނުވާލަން ޖެހެނީ ރާއްޖެ އަށް އޭނާ ދަތުރު ކުރި ފްލައިޓަކުން އަދި ރާއްޖެ އަށް ދަތުރު ކުރި ގައުމަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީންނާއި މެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މިހާތަނަށް ރައްޖެއިން ޑީޕޯޓް ކުރީ އެންމެ މީހެއް ކަމަށެވެ. އަދި އިތުރު މީހަކު ޑީޕޯޓް ނުކުރާ ކަމަށް ވެސް އިމިގްރޭޝަންގެ ސިޓީގައިވެ އެވެ.