ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ވިލާ ގުރޫޕުން ވަރަށް ކުލަގަދަ ގޮތެއްގައި ވިލާ ކޮލެޖުގައި ފާހަގަ ކޮށްފި އެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުސް ހާއްސަ ކުރެވިފައި ވަނީ މިންތީގެ ހަމަހަމަ ކަމަށެވެ.

ވިލާ ގުރޫޕަކީ އިޖުތިމާއީ އަދި ޒިންމާދާރު ކުންފުންޏެއްގެ ހައިސިއްޔަތުން މަސައްކަތުގެ މާހައުލުގައި ޖިންސީ ތަފާތުކުރުން ނައްތާލުމަށް ބޮޑު އެއްބާރުލުމެއް ދޭ ކުންފުންޏެކެވެ. އަދި މީގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ހަމަހަމަ ފުރުސަތުތައް އެއް ގަލެއްގެ މަތިން ދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

އެގޮތުން އިއްޔެއަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ކަމަށް ވުމުން ވިލާ ގުރޫޕުން މިދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. މި ހަފުލާގައި އަންހެނުންގެ ބާރުވެރިކަމާއި ދުޅަހެޔޮކަމާ ގުޅޭ ތަފާތު މައުލޫތަކަށް ވާހަކަ ދެއްކެވި ޝަރަފުވެރި ވާހަކަދެއްކުންތެރިން ވަނީ ބައިވެރިވެފަ އެވެ.

ވިލާ ކޮލެޖުގެ މާސްޓަ އޮފް ކައުންސެލިން ކޯހުގެ ޕްރޮގްރާމް ކޯޑިނޭޓަރު އެސިސްޓެންޓް ޕްރޮފެސަރު ޑރ. އައިޝަތު ނަޝީދާ ވަނީ އަންހެނުން ބާރުވެރިކުރުވުމާއި ހަމަހަމަކަން ހޯދުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން އޭނާގެ ވިސްނުމާއި ތަޖުރިބާ ހިއްސާކުރައްވާފަ އެވެ. އޭގެ ފަހުން ވިލާ ރިސޯޓްސް، އަރާމު ސްޕާގެ ކޯޕަރޭޓް ޑިރެކްޓަރު މެލިސާ ޑޮވެލް ވަނީ ޖެންޑަ ބަޔާސް އިން އަރައިގަނެ މަސައްކަތުގެ މާހައުލުގައި ކުރިއަރަން ކުރެވޭނެ ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ވިލާ ގުރޫޕުން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަފުލާގެ ތެރެއިން. ފޮޓޯ: ވިލާ ގްރޫޕް

މި ހަފުލާ ނިންމާލާފައި ވަނީ ވިލާ ރިސޯޓްސް، އަރާމު ސްޕާގެ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު އެޑްރިއާނާ ލަވޭރާ ކުރިއަށް ގެންދިޔަ ދުޅަހެޔޮކަމާ ބެހޭ ވޯކްޝޮޕަކުންނެވެ.

"ވިލާ ގްރޫޕްގައި އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން، ޖިންސަށް ބެލުމެއްނެތި ކޮންމެ ފަރުދަކަށް ހަމަހަމަ ފުރުސަތުތަކާއި ވަސީލަތްތައް ލިބޭނެ މުޖުތަމައެއް ހޯދުމަށް ކުރާ މަސައްކަތަށް،" ވިލާ ގްރޫޕްގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް، އިބްރާހިމް މޫސާ ވިދާޅުވި އެވެ. "ވިލާ ގްރޫޕަކީ ހުރިހާ ފަރާތްތަކެއް ހިމެނޭ، ތަފާތު، އަދި ހަމަހަމަ މަސައްކަތުގެ މާހައުލެއް އުފެއްދުމަށް އަމާޒުކުރާ ކުންފުންޏެއް. ވިލާ ގްރޫޕަކީ އަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް އެހީތެރިވުމަށް ގިނަ ސިޔާސަތުތަކެއް ފަރުމާކޮށްފައިވާ ކުންފުންޏެއް."

އަންހެނުންގެ ދުވަހާއި ގުޅިގެން ވިލާ ގްރޫޕުގެ އަންހެން މުވައްޒަފުންގެ ކާމިޔާބީތައް ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ވެސް ދަނީ ދައްކާލަމުންނެވެ.

ވިލާ ގްރޫޕުގެ ކާމިޔާބީއަށް އަންހެން މުވައްޒަފުން ކުރާ މިންނެތް މަސައްކަތްތައް ވިލާއިން ފާހަގަކުރެ އެވެ.