މިއަދަކީ ހުކުރު ދުވަހެވެ. އަނެއްކާވެސް ހަފްތާގެ އީދު ދުވަހެވެ. އެހެން ދުވަސްތަކަށްވުރެ ބަދިގެ ތިޔާގިވާންވީ ދުވަހެވެ. އެހެން ކަމުން މިއަދުވެސް މި ބަލާލަނީ ތަފާތު ކެއުމަކަށެވެ.

ބޭނުންވާ ތަކެތި

  • 1 ކިލޯ ކުކުޅު
  • 1 ފިޔާ (ކޮށާފައި)
  • 4 ޓޮމާޓޯ (ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ޖިންޖާ ގާލިކް ޕޭސްޓް
  • ½ ސައިސަމުސާ ތެޅި މިރުސް
  • ½ ސައިސަމުސާ ރީނދޫ
  • 2 ސައިސަމުސާ ކޮރިއެންޑާ ޕައުޑަރު
  • ރަހަލާވަރަށް ލޮނު
  • ½ ސައިސަމުސާ ގަރަމް މަސާލާ
  • 5 ތޮޅި މިރުސް
  • 1 ތަށި ޕްލެއިން ޔޯގަޓް
  • ކޮރިއެންޑާ ފަތްކޮޅެއް (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

  1. ތެއްޔަކަށް ފިޔާ އަދި ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާކޮޅު ރަތް ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ޓޮމާޓޯ އަޅައި ޓޮމާޓޯކޮޅު މަޑުވަންދެން ކައްކާށެވެ. އަދި ޖިންޖާ ގާލިކް ޕޭސްޓް އަޅައި އިތުރު ދެ މިނެޓު ކައްކާލާށެވެ.
  2. އެއަށްފަހު ކުކުޅުކޮޅު އަޅައި ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު މަތި ޖަހައިގެން 15 މިނެޓް ވަންދެން މަޑު ގިނީަގައި ކައްކާށެވެ.
  3. ދެން މީގެ ތެރެއަށް ތެޅި މިރުސް، ލޮނު، ކޮރިއެންޑާ ޕައުޑަރު އަދި ރީނދޫ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޔޯގަޓް، ގަރަމް މަސާލާ، އަދި ތޮޅި މިރުސް އެޅުމަށްފަހު އެއްވަންދެން ހާކާށެވެ.
  4. ދެން މަތި ޖަހައިގެން އިތުރު 10 މިނެޓް ކައްކާށެވެ. ކައްކާ ނިމުމުން ކޮށާފައިވާ ކޮރިއެންޑާ ފަތްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.