ކަނޑުތަކަށް އެޅޭ ޕްލާސްޓިކު ކުނި މަދުކުރުމުގެގޮތުން މަސައްކަތްކުރުމަށް ޔޫއެސް އެއިޑުން ރާއްޖޭގައި އޯޝަން ޕްލާސްޓިކް ރިޑަކްޝަންގެ ނަމުގައި ފަސް މިލިއަން ޑޮލަރުގެ މަޝްރޫ އެއް ފަށައިފި އެވެ.

އޯޝަން ޕްލާސްޓިކް ރިޑަކްޝަން ހަރަކާތަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ރަނގަޅު ގޮތުގައި ނައްތައިލުމުގެ މަސައްކަތް ހަރުދަނާކޮށް، އެކަމަށް ބާރު އަޅައި އެހީތެރިވުމުގެގޮތުން ރާއްޖެއާއި ސްރީލަންކާގައި 5 އަހަރުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ.

އޯޝަން ޕްލާސްޓިކް ރިޑަކްޝަން ހަރަކާތުގެ ބޭނުމަކީ ޕްލާސްޓިކުގެ އައު އުފެއްދުންތައް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ކުނި މެނޭޖްކުރުން އިތުރުކުރުމާއި އުކާލެވޭ ޕްލާސްޓިކު ކުނި މަދުކުރުމަށް ސަމާލުކަންދީ ކުނި ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމުގެ އިތުރުން ރަށު ފެންވަރުގައި ކުނިމެނޭޖްކުރުމަށް އެކަށީގެންވާ ހައްލެއް ހޯދާދިނުމަށާއި އެ މަސައްކަތް ހަރުދަނާކުރުމަށް މުޖުތަމައުގެ ފަރުދުންނަށް އެހީތެރިވެދިނުންކަމަށް ޔޫއެސް އެއިޑޫން މައުލޫމާތު ދެެވެ.

ޔޫއެސް އެއިޑުންއިން ބުނީ މި މަޝްރޫއުގެ ދަށުން ޕްލާސްޓިކުގެ ސަބަބުން ކަނޑު ތަގައްޔަރުވުމުގެ މައްސަލައަށް ސަމާލުކަން ދެވޭނެއެވެ. އަދި، ކުނި، ހެޔޮގޮތުގައި މެނޭޖްކުރުމަށާއި، ކުނި މެނޭޖްކުރުމަށް އިސްކަންދިނުމާއި، ހަރުދަނާކުރުމަށާއި، ޤައުމީ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކޮށް، ތަރައްގީކުރުމަށް މަގުފަހިވެގެން ދާނެކަމަށް ޔޫއެސް އެއިޑުންއިން ބުނެއެވެ.

މީގެ އިތުރުން ކަނޑަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް އަމާޒުކޮށް ކުނި ނައްތާލާނެ ހެޔޮ ގޮތްތައް ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށް ޔޫއެސްއެއިޑުން މައުލޫމާތު ދެއެވެ.

މަޝްރޫއުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުއައްސަސާތައް ހެޔޮގޮތުގައި ކުނިމެނޭޖް ކުރުމުގެ އުސޫލުތައް ބޭނުން ކުރުމަށް އަހުލުވެރިކުރުވާ އުކާލެވޭ ޕްލާސްޓިކުގެ މިންވަރު މަދުކުރުން ކަމަށްވެސް ޔޫއެސްއެއިޑުން ބުނެ އެވެ.

މިމަޝްރޫއަށް 5 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖެހިފައިވާ ކަމަށްވެސް ޔޫއެސްއެއިޑުން މައުލޫމާތު ދެއެވެ.