ރާއްޖެ އާއި ސްރީލަންކާގެ ފަތުރުވެރިކަމަށް އަޅާކިޔައި، ރާއްޖެއަށް އަންނަ ފަތުރުވެރިން ފަސް ދުވަހަށް ފަހު ރާއްޖޭގައި ތިބެން ފޫހިވާނެ ކަމަށް ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވުމުން އެ މައްސަލަ ހޫނުވެ ލަންކާގެ މިނިސްޓަރަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޖަރުމަނުގެ ބާލިންގައި އޮތް އައިޓީބީ ފެއާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގެ ބީޗުތައް ފެނި ފަސް ދުވަސްވުމުން ރާއްޖެ މަތިން ފޫހިވާނެ ކަމަށެވެ. އަދި ފަތުރުވެރިން ތިބެން ޖެހޭނީ އެއް ތަނެއްގައި ބަންދުވެފައި ކަމަށް ވިދާޅުވެ، ހުރިހާ ފަތުރުވެރިން ލަންކާ އަށް އައުމަށް ފެނާންޑޯ ގޮވާލި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހަމައެކަނި އޮންނަނީ ބީޗް ކަމަށާއި އެއް ރަށެއްގައި އެއް ތަނެއްގައި ތިބެން ޖެހޭނީ ބަންދުވެފައި ކަމަށެވެ. އެކަމަކު ސްރީލަންކާގައި ތަފާތު އެކި ކަހަލަ ކަންތައްތައް ތަޖުރިބާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާގެ މި ވާހަކަތަކާ ގުޅިގެން އެ ގައުމުގެ މީހުން ވެސް އަންނަނީ އެ ވާހަކަތަކަށް ފާޑުކިޔަމުންނެވެ. އަދި އެ ވާހަކަތަކަކީ މިނިސްޓަރަކަށް ހުރެ އެއްގައުމުން އަނެއް ގައުމާމެދު ދައްކަން ޖެހޭ ވަރުގެ ވާހަކަތަކެއް ނޫން ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ.

ލަންކާގެ މިނިސްޓަރުގެ މިވާހަކަތަކުން ފަތުރުވެރިންގެ މެދުގައި ލަންކާ އިޝްތިހާރުވުމުގެ ބަދަލުގައި ލަންކާގެ އަގު ވެއްޓިގެންދާނެ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އަބަދުވެސް އެންމެ މަގުބޫލު މަންޒިލެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ބައި ގަރުނަށް ވުރެ ގިނަ އަހަރު ވެފައިވާ އިރު ކޮންމެ އަހަރަކު ވެސް ރާއްޖެއިން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރަން ވަނަތަކެއް ހޯދަމުންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްގައި، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑާއި، ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑް އެވޯޑް ރާއްޖެއަށް ލިބިފައިވެ އެވެ. ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ވަނީ މި ދިޔަ އަހަރާއެކު ވިދިވިދިގެން ތިން އަހަރު ލިބިފަ އެވެ.