ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުން އައި ކުންފުންޏަށް ދީފައިހުރި ބިންތައް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށް މަސައްކަތް ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ނައިންޓީ 9 ހޯލްޑިންގްސްއާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ސިޓީ ކައުންސިލުން ކައުންސިލުން ބާތިލް ކުރުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ހަވާލުކުރި ބިންތައް އަނބުރާ ހަވާލުކުރުމަށް ވަނީ އަންގާފައި އެވެ.

އަދި އެ މައްސަލަ ނައިންޓީ 9 ހޯލްޑިންގްސްގެ ފަރާތުން ވަނީ ސިވިލްކޯޓަށް ހުށަހަޅާފައި އެވެ. އަދި ސިޓީ ކައުންސިލުން އެދުނު ގޮތަށް އަމަލުކުރުން ފަސް ކޮށްދިނުމާސް ވަނީ އެކުންފުނިން އެދިފައި އެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ބަގީގެ ހިދުމަތް ދިނުމަށް ހަދާފައިވާ އެއްބަސްވުމުގެ ދަށުން ނައިންޓީ 9 ހޯލްޑިންގްސް އިން އެ ކުންފުންޏަށް ދޫކުރި ބިންތަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި އެ ކުންފުންޏަށް ލިބޭ ގެއްލުމާއި ސިޓީ ކައުންސިލަށް ލިބޭ ގެއްލުން ވަޒަން ކުރަން އުނދަގޫ ކަމަށާ ދެން އަމަލު ކުރަން ޖެހޭނެ ގޮތަކީ ހައި ކޯޓުން ނިންމާފައިވާ ފަދައިން ކުރިން އޮތް ހާލަތު ދެމެހެއްޓުން ކަމަށްވެސް އަމުރުގައި ބުނެފައިވެ އެވެ.

ސިވިލްކޯޓުން އަންގާފައިވަނީ އެމައްސަލަ ކޯޓުން ނިމެންދެން ބަގީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން ބާތިލްކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގާފައި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް އަމިއްލަ ކުންފުންޏަކުން ދެމުން ދަނިކޮށް އެމްޓީސީސީ އިންވެސް ވަނީ ވިލި މާލެ އަށް އިލެކްޓްރިކް ބަސްތަކެއް ގެނެސް ބަހުގެ ހިދުމަތް ފަށަފައި އެވެ.

އަދި މާލެ ސިޓީ ކައުންސިލުންވެސް ވަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފަށާފައި އެވެ.