ކޯޓުތަކަށް އަލަށް އައްޔަންކުރަން ނިންމި ފަނޑިޔާރުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ޝަކީލް ހުވާކުރައްވައިފި އެވެ.

އިއްޔެ ހުވާ ކުރެއްވީ ހައިކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރަކާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ތިން ފަނޑިޔާރުންނާއި، ސިވިލް ކޯޓަށް އައްޔަން ކުރެއްވި ތިން ފަނޑިޔާރަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެއްވި ހަތަރު ފަނޑިޔާރުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަންކުރަން ނިންމުމުން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔައިފަ އެވެ. ކުރީގެ ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު އިއްވި ފަނޑިޔާރަށް ޕްރޮމޯޝަނެއް ދިނުން އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ސިފަކުރަނީ ދިން "ހަދިޔާއެއް"ގެ ގޮތުގަ އެވެ.

ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާލައިދެއްވި ޝަރަފްވެރި މެހްމާން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ އއ. ފެރިދޫ، ސިޔާމާ މަންޒިލް، އަހުމަދު ޝަކީލް އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ކަމަށް އައްޔަންކުރި ޝަކީލަކީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓަ އޮފް ޝަރީއާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. 19 އަހަރު ފަނޑިޔާރު ކަމުގައި މަސައްކަތްކުރެއްްވިއިރު، އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި ޝަކީލްވަނީ މަސައްކަތް ކުރެއްވި ކަމަށް ޖޭއެސްސީން ބުނެ އެވެ.

ކްރިމިނަލް ކޯޓަށް އައްޔަން ކުރައްވާފައިވަނީ ސ. މަރަދޫ، އެށެވެލި، އިބްރާހީމް އިހުސާން އާއި ގއ. ނިލަންދޫ، ބިއްލޫރިޖެހިގެ، އިބްރާހީމް ޒިހުނީއާއި، ރ. ރަސްގެތީމު، ގުލާބީގެ، އާމިނަތު އަޒްލިފާ އެވެ.

ސިވިލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަކީ ގދ. ފިޔޯރީ، ސަންޑަލްވޫޑް، ސިނާން އަލީ އާއި ހދ. ފިނޭ، ދެތަނޑިމާގެ، ފައިސަލް އާދަމް އާއި ސ. ހިތަދޫ، ސައިފަތްމާގެ، އަބްދުﷲ އިހުސާން އެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު ޑރ. މުހައްމަދު އިބްރާހީމް ދެއްކެވި ވާހަކައިގައި ވިދާޅުވީ ފަނޑިޔާރުންނަކީ މަޑުމައިތިރި ކަމާއި، ކެތްތެރިކަމުގެ ސިފަ އެމީހެއްގައި ގައިގަ އަށަގެންފައިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި، އެހެން ނަމަވެސް އެ ދެ ސިފައަކީ އެ މީހާގެ ނުކުޅެދުންތެރިކަމަށް ވެގެން ނުވާނެ ކަމަށެވެ. އަދި ދިމާވާ ފާޑުކިޔުންތަކާއި މަލާމާތްތަކަށް ރައްދުދިނުމުގެ ބަދަލުގައި ފަނޑިޔާރުން ވާން ޖެހެނީ ކެތްތެރިވެ ނަމޫނާ މިސާލު ދެއްކެވަރުގެ ބަޔަކަށް ކަމަށް ވިދާޅުވި އެވެ.