ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވަކިން ވާދަކުރަން ނިންމައިފި އެވެ.
މިއަދު ހަވީރު އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމް އެހެން ޕާޓީއަކާ ކޯލިޝަން ނުހަދާ ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާއެކު އިންތިހާބު ކާމިޔާބުކުރުމަށް ޖޭޕީ އިން ކޯލިޝަން ހެދުމަށެވެ.
ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ދެ ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. އެއީ ޖުމްހޫރީ ޕާޓީން ވަކިން ކެންޑިޑޭޓަކު ނެރެ އިންތިހާބުގައި ވާދަކުރުމާއި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދުކޮށް ކޯލިޝަން ހެދުމަށެވެ.
ޖޭޕީ އިން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރެ ވާދަކުރުމަށް ހުށަހެޅުމުން ކައުންސިލް މެމްބަރުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ. އެ ހުށަހެޅުން ފާސްވީ 48 މެމްބަރުންގެ ވޯޓުންނެވެ.
ކައުންސިލް މެމްބަރުން މިގޮތަށް ފާސްކުރުމުން އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް ހުށަހަޅަފައިވާ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.
ޖޭޕީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.
ޖޭޕީ އިން ރިޔާސީ ކެންޑިޑޭޓެއް ނެރެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ހުށަހެޅުމަށް ރައީސް އޮފީހުގެ މިނިސްޓަރު، ޖުމްހޫރީ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވޯޓެއް ނުދެއްވަ އެވެ.
ޖުމްހޫރީ ޕާޓީ އަކީ މިސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޕާޓީއަކަށް ވުމާއެކު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ތާއީދު ކޮށްދެއްވައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ކޯލިޝަން ހެދުމަށް އެމަނިކުފަނު ވަނީ ޖޭޕީއަށާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ވެސް ދައުވަތު ދެއްވައިފަ އެވެ.
ރައީސް ސޯލިހުއަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް ނިންމާފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އާއި އަދާލަތު ޕާޓީ އިން އެކަންޏެވެ.