ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީ އިން ވަކިން ވާދަ ކުރަން ނިންމުމާ ގުޅިގެން ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސަމީރު ޖޭޕީ އިން ވަކިވެވަޑައިގެންފި އެވެ.

ސަމީރު އަކީ ޖޭޕީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މާކުރިން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ތާއީދު ކުރައްވާކަން ސަމީރު ވަނީ ހާމަ ކުރައްވާފަ އެވެ.

މިއަދު އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީ އިން އެހެން ޕާޓީއަކާ ކޯލިޝަން ނުހަދާ ވަކިން ވާދަކުރެއްވުމަށް ނިންމާފައި އެވެ.

ޖޭޕީ އިން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރެ ވާދަކުރުމަށް ހުށަހެޅުމުން ކައުންސިލް މެމްބަރުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ. އެ ހުށަހެޅުން ފާސްވީ 48 މެމްބަރުންގެ ވޯޓުންނެވެ.

ޖޭޕީ އިން ރިޔާސީ ކެންޑިޑޭޓެއް ނެރެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ހުށަހެޅުމަށް ވެސް ސަމީރު ވޯޓު ދެއްވާފައެއް ނުވެ އެވެ. ޖޭޕީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.

ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ކައުންސިލުން ނިންމުމާއެކު ކައުންސިލް ބައްދަލުވުމުގައި އިންނަވައި ސަމީރު ވަނީ ޕާޓީގެ މެމްބަރު ކަމުން މިއަދުން ފެށިގެން ވަކިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަމީރު ވިދާޅުވީ އޭނާ މާކުރިން ވެސް ރައީސް ސޯލިހުއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށާ، އެހެންވެ ދެ ފަރަތުގެ މަސްލަހަތު އެންމެ ރަނގަޅުގޮތަކީ ޕާޓީ އިން ވަކިވުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އެންމެ ޑިމޮކްރަޓިކް ގޮތް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.