އިންޑަސްޓްރިއަލް މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްގީކުރަން ކުރިއަށްގެންދާ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސަރަހައްދުގައި ސިނާއީ މަސައްކަތްތަކަށް އަމާޒުކޮށްގެން ހިންގާ ރަށުގެ ހިއްކުމުގެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން އެޗްޑީސީން ބުނީ ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ބަންޑް ވޯލް ހެދުމުގެ މަސަކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
ތިލަފުށީގެ ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ.
ތިލަފުށި ހިމެނޭ ތިލަފަޅު ހިއްކަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަަމަ ބައިގައި ހިއްކަނީ 40 ހެކްޓަރުގެ ބިމެވެ.
"ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި މި މައްސަލަތަކަށް ބިނާކޮށް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭން އެކުލަވާލެވި ތިލަފުށި ފޭސް ދޭއް ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފައި،" އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް މިހާރު މި ވަނީ ކުރިމަތިވެފަ އެވެ. މިގޮތުން މިފަދަ މަސައްކަތްތަކަށާއި ވިޔަފާރިތައް ހިނގުމަށް ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓް ހާދިސާތައް ވެސް މިހާރު އާއްމުވެފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
"އެހެންކަމުން، މިފަދަ ކަންކަން ތަކުރާރުނުކޮށް މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި މިހާރު މިކަމަށް ހާއްސަ ކުރެވިފައިވާ ތިލަފުށީގައި ވެސް ގިނަ މައްސަލަތަކެއް ހުރުމާއި، ޒަމާނީ ވަސީލަތްތަކާއި އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީކުރުން މިވަނީ ނުހަނު މުހިއްމު ކަމަކަށްވެފައި،" އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނިގޮތުގައި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެއްމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ 60 ޕަސެންޓް ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗާ އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ތިލަފުއްޓަކީ ރާއްޖޭގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިތަކުން، ގުދަން ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ ރަށެކެވެ. މިވަގުތު ވެސް ތިލަފުށީގައި 200 އަށް ވުރެ ގިނަ ވިޔަފާރިވެރިން އެކިއެކި މަސައްކަތްތައް ކުރަމުން ގެންދެ އެވެ.