ދިވެހި ފުލުހުންގެ ހިދުމަތަށް ރައްޔިތުން އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި މިއަދު ފެށި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތަކަށް ހެދުމަށް ފުލުހުންގެ ހިދުމަތަށް މުޅިން އާ ގާނޫނެއް ހަދައި، އެ ގާނޫނުގެ ދަށުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
މި މަސައްކަތް ސަރުކާރުން ފެށީ ވެސް ކަމުގެ ހަގީގަތް އެނގިތިބެ ކޮޅެއްގައި ޖެއްސުމުގެ އަޒުމާއެކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތާއި މިފެށުނު ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ ފުލުހުން މިމަގަށް ގެންދާނެ ކޮންފަރެންސެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ޕޮލިސް ރިފޯމްކުރުމުގެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި، އިހުތިރާމް ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބު ކުރެވިގެން ކުރަން ޖެހިފައިވާ ދަތި ގޮންޖެހުން ބޮޑު އުދަނގޫ މަސައްކަތެއް ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އެ މަންޒިލަށް ވާސިލްވުމަށްޓަކައި ދިގު ރާސްތާއެއް، ކަޑައްތު ކުރަންޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށްޓާއި ދިރާސީ ފެންވަރެއްގައި 3 ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިކޮންފަރެންސުގައި 10 ކަރުދާހެއް ހުށަހެޅިގެންދާނެ އެވެ.