ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ސޯލިހުއާ އެކު އެމްއާރުއެމްއިން މިއަދު ބޭއްވި ބައްދަލުވުން އޮތީ ރައީސް އޮފީހުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އިތުރުން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އާއި އެމްއާރުުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގެ ތަފްސީލެއް ނުލިބެ އެވެ. އެހެން ނަމަވެސް "ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ކޯލިޝަންއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދުކޮށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު އެކު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކަށް ދައުވަތު ދެއްވާފައިވެ އެވެ. ރައީސް ސޯލިހުގެ އެދުމަށް އެމަނިކުފާނާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ނިންމާފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ އެކަންޏެވެ.

އެމްއާރުއެމް އިން ވެސް އަދި ވަކި ގޮތެއް ނުނިންމައެވެ. އެހެން ނަމަވެސް ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމާފަ އެވެ.

ރައީސް ސޯލިހު އާއެކު ކޯލިޝަން ހެދުމަށް ދައުވަތުދެއްވާ ސިޓީފުޅެއް ސަރުކާރުގައި ހިމެނޭ ޕާޓިތަކަށް ފޮނުވިތާ ދެ ދުވަސް ތެރޭގައި އަދާލަތު ޕާޓީ އިން ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަދާލަތުގެ ރައީސް އިމްރާންއަށާއި އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ.