މީގެ ފަސް އަހަރު ކުރިން އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ހެއްކާބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

މިމައްސަލާގައި ދައުވާ ލިބޭ އަފްރާހާއި ޖުނައިހު އަދި މަހްފޫޒްގެ ފަރާތުން ބުނެފައި ވަނީ އެ ތިން މީހުން ހާދިސާ ހިނގި ތަނުގައި ތިބިކަން ސާބިތުކުރަން ދައުލަތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މަންޒަރު ދުށް ހެއްކެއް ވެސް ނެތުމުން، މި މައްސަލަ އެ ތިން މީހުންގެ މައްޗަށް ސާބިތު ނުވާނެ ކަމަށެވެ.

އަދި އޮތީ ރޯދަ މަސް ކަމުން އެމީހުންގެ ބަންދަށް ލުޔެއް ދިނުމަށް ވަނީ އެދިފަ އެވެ. އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މީހުން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ. އެހެންވީމާ އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެތީ ބަންދަށް ލުއި ދެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

މި މައްސަލާގައި ދައުވާ ލިބޭ އަނެއް ތިން މީހުންނާއި ދައުލަތުން އެދުނީ ހުލާސާ ބަޔާން އިއްވާއިރު ހެއްކާ ބެހޭ ގޮތުން އެކުގައި ވާހަކަ ދެއްކުމަށެވެ. އެހެންވެ، ގާޒީ އަލީ ނަދީމް ނިންމެވީ އަންނަ މަހުގެ 13 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވާން އަޑުއެހުމެއް ތާވަލުކުރުމަށެވެ. އެއަޑުމަށްފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.