މި ރޯދަމަހު އަމާޒު ހިފާފައި ވަނީ ކޮންމެ ދުވަހަކު އަންނަ ކާބޯތަކެތި ފަދަ އާއްމު މުދާތައް އެ ދުވަހުން އެ ދުވަހަށް ކްލިއާކުރުން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރަކު ވެސް ރޯދަމަހު ގިނަ އަދަދެއް މުދާ ރާއްޖެއަށް އެތެރެކުރަން ޖެހުމާ ގުޅިގެން އެމްޕީއެލްއަށް ބާރުބޮޑުވެ އެވެ. އެގޮތުން މި ރޯދަމަހަކީ ކޯވިޑްގެ ފަހުން އެންމެ ގިނަ އަދަކަށް މުދާ އެތެރެކުރި މަހެވެ. އަދި މިއަހަރުގެ ރޯދަމަހު މުދާ އެތެރެކުރާ މިންވަރު އިތުރުވާނެކަމަށް ވެސް އެމްޕީއެލްއިން ލަފާކުރެ އެވެ.
ރޯދަމަހަށް ވަމުން އަންނަ ތައްޔާރީއާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ މި ރޯދަމަހު ވެސް ދަތިކަމެއް ނެތި މުދާ ކްލިއާކުރުމަށް އެމްޕީއެލްއިން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން، މިއަހަރުގެ އަމާޒަކީ ކޮންމެ ދުވަހަކު އަންނަ ޝިޕްމަންޓްތައް އެ ދުވަހުން އެދުވަހަށް ކްލިއާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓާގެޓް ކުރަނީ ކާބޯތަކެތި އަންނަ ދުވަހު ބާލަން. މި ސާލަކަށް އެ ދުވަހު ހެނދުނު ބޯޓެއް އަތުވެއްޖެ ނަމަ އެ ބޯޓުގައި ހުރި މުދާ ހަމަ އެދުވަހު ކްލިއާކޮށް ނިންމަން،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރޯދަމަހު މުދާ ކްލިއާކުރުމަށް ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މުދާ އައުމާއެކު މިޓާސްކް ފޯސް މެދުވެރިކޮށް އެމުދާ ބާލައި، ކްލިއާކޮށް، މުދަލުގެ ވެރިފަރާތަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރޯދަމަހާއި ދިމާކޮށް މުދާ ކްލިއާކުރުމަށް މުވައްޒަފުން ވެސް އިތުރުކޮށްފައިވާ ކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ.
ރޯދަމަހާ ގުޅިގެން މުވައްޒަފުން އިތުރުކުރުމުގެ އިތުރުން އެކުންފުނިން ވަނީ މުދާ ކްލިއާކުރުމަށް އުޅަނދުތައް ވެސް އިތުރުކޮށްފަ އެވެ. އެގޮތުން، އޮޕަރޭޝަންތައް ހަލުއިކުރުމަށް އިތުރު 4 ރީޗް ސްޓެކާ ގެނެސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ރީޗްސްޓެކާ އޮޕަރޭޝަންއަކީ މުދާ ކްލިއާކުރުމަށް ކޮންޓެއިނާތައް ބޭލުމަށްފަހު ކޮންޓެއިނާތައް ކްލިއާކުރާ ސަރަހައްދުތަކަށް ގެންދިއުމަށް ބޭނުން ކުރެވޭ އުޅަނދުތަކެއް. މީ އައު އުޅަނދުތަކެއް އެހެންވީމަ މި އުޅަނދުތަކުގައި މައްސަލަ ޖެހިގެން ވަގުތު ގެއްލުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ. އެހެންވީމަ ކޮންޓެއިނަރު އޮޕަރޭޝަނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.