މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށަނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރޯދަ މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވާ ކަމަށެވެ.

ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ބަލައިގަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ނުދެއްކޭ މީހުންނަށް 26 މާޗް އިން ފެށިގެން މިނިސްޓްރީގެ ހޯލުގައި (އިސްލާމީ މަރުކަޒު) ގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެގޮތަށް ޒަކާތް ބަލައިގަތުމަށް ހަމަ ޖެހިފައި ވަނީ ރަސްމީ ދުވަސް ދުވަހު ހެނދުނު 10:00 އިން މެންދުރު 13:00 އަށެވެ.

މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުންނެވެ.

މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 އަށް ވާ ފައިސާ އިން ކަމަށެވެ.