މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތާއި ގުޅިގެން ދައުލަތަށް 278 މިލިޔަން ރުފިޔާ ލިބެންޖެހޭ ކަމަށް އޭސީސީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 13 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އަދި އެންމެ ފަހު މަރުހަލާގައި 12 މައްސަލައެއް އެބައޮތް ކަމަށް ޝަމީލް ވިދާޅުވި އެވެ.

ބައެއް މައްސަލަތަކުގައި މިހާރު ވަނީ ދައުވާކުރަން ވެސް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައި އެވެ. އަދި ދައުލަތަށް އަނބުރާ ފައިސާ ހޯދަން ޖެހޭ މައްސަލަތަކުގައި އެފައިސާ ހޯދުމަށް ވެސް ޕީޖީގައި ވަނީ އެދިފައި އެވެ.

މީގެ އިތުރަށް ޝާމިލް ވިދާޅުވީ ދައުވާ ކުރުމުގެ ކުރިން ކުރިއަށް ގެންދާ ޑިއުޓީ މަރުހަލާގައި 8 މައްސަލައެއްގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިހާތަނަށް ތަހުގީގު ނިމިފައި ހުރި މައްސަލަތަކުން ދައުލަތަށް 16.1 މިލިއަން ޑޮލަރާއި 38.2 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ޝާމިލް ވިދާޅުވި އެވެ.

އަދި މިހާތަނަށް ތަހުގީގު ނިންމި 25 މައްސަލައާއި އެކު ޖުމްލަ 278 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ކަމަށް އޭސީސީގެ ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން 56 މައްސަލައެއްގެ ބަލަމުންދާއިރު މިހާތަނަށް ނިންމުނު މައްސަލަތަކުގައި ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާ ކުރަން ފޮނުވާފައި އެވެ. އަދި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އޭސީސީއިން ވަނީ ބައެއް އިދާރާތަކުގައި އެދިފަ އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި ބައިވެރިވި މީހުން ދެނެގަނެ، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަށް ހާއްސަކޮށް ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާ އިރު، ހިޔާނާތުގެ މައްސަލަތައް ބަލަމުން އަންނަނީ ތަހުގީގީ އިދާރާތައް ގުޅިގެންނެވެ. އެހެން ނަމަވެސް ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައި ވާއިރު ހިޔާނާތުގެ މައްސަލައިގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތެކެވެ.