ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އަދި އެމްޑީއޭގެ އިސްވެރިންނާ މިއަދު އެމަނިކުފާނުގެ ރަސްމީ ގެކޮޅު މުލިއާގޭގައި ބޭއްވެވި ބައްދަލުވުމަށްފަހު "ހުރިހާ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން ރިޔާސީ އިންތިހާބަށް މަސައްކަތް ކުރެއްވި ކަމުގައިވީ ނަމަވެސް އެގޮތަށް އެ މަސައްކަތެއް ނުކުރެއްވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވަކި ފެކްޝަނެއް ހަދައިގެން އެގޮތަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށެވެ. އެމްޑީޕީ އިން މިހާރު ވަނީ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކޮށްފައި ކަމަށާއި އެހެންވީމާ ޕާޓީ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން ކުރިއަށްދާނީ އެމްޑީޕީގެ އެ ނިންމުމާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަކިފެކްޝަނެއް ހަދައިގެން އެކަމެއް ނުކުރެވޭނެ ނޫންތޯ. އެމްޑީޕީގައި އެބޮތް އަމަލުކުރަން ޖެހޭ ވަކި ގަވާއިދުތަކަކާއި އުސޫލުތަކެއް. އޭގެތެރޭގައި އެމްޑީޕީގެ މަސައްކަތް ކުރަންވާނީ. އެމްޑީޕީގެ މިހާރު މިއޮތީ ކެންޑިޑޭޓެއް އިންތިހާބު ކޮށްފައި. ޕާޓީ އޮންނަންވާނީ އެ ނިންމުމާ އެކީގައި،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދާއި މަޝްވަރާނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ވެސް ޕާޓީގެ އެތެރޭގެ ބައެއް ކަމަށާއި މަޝްވަރާކުރަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕާޓީ ތެރޭގައި މަޝްވަރާ ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށާ އޭގެ ތެރެއިން މަޝްވަރާތައް ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ އެމްޑީޕީއަށް އިލެކްޝަން ކާމިޔާބު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔަބުވުމުން ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
އެ ފެކްޝަނަށް މިހާތަނަށް 50،000 މެންބަރުން ސޮއިކޮށްފައިވާ ކަމަށް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަމުގެ ހެއްކެއް ދެއްކިފައެއް ނުވެ އެވެ.