ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތައް ނުނިމި ލަސްވާތީ އެކަން ހައްލުކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ސިޓީއެއް ފޮނުވައިފި އެވެ.

ޝަރީއަތް ނިމެންދެން ނުވަތަ "ވާނުވާ" ގައި ތިބޭ މީހުންގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށާ އެފަދަ ޝަރީއަތްތައް އަވަސް ކުރާނެ ކަމަށް މި ސަރުކާރު ވެރިކަމަށް އައި އިރު ކެމްޕެއިން ތެރޭގައި ވަނީ ވައުދު ވެފައި އެވެ. އެހެން ނަމަވެސް ހަތަރު އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު ވެސް "ވާނުވާ" ޖަހާފައި ތިބޭ މީހުންގެ މައްސަލަތައް އަވަސްވެގެނެއް ނުދެ އެވެ.

އެމްއެންޕީން ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމެވުމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާ އިޖުރާއަތް ހިންގޭނެ ފަހި އިންތިޒާމްތަކެއް ފަނޑިޔާރުގެއަށް ފަހިކޮށްދީގެން ބަންދުގައި ތިބޭ މީހުންނަށް އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސަވާ ދެއްވުމަށް ރައީސްގެ އަރިހުން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުގައި ގާތްގަނޑަކަށް 343 މީހުން ތިބިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާތީ އެ މީހުންނަށް އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ވާކަމަށް ވެސް އެމްއެންޕީން ބުނެ އެވެ.

އަދި، އޭގެ ތެރެއިން ބައެއް މިހުންގެ ޝަރީއަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވާ ކަމަށާއި ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެއްވޭނެ ގާނޫނީ ހަމައެއް ނޫން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

މިފަދަ މީހުންގެ މައްސަލަތަކާއި ގުޅިގެން 7 މާޗް 2023 ގައި ރައްޔިތުންގެ މަޖިލީހުގައި ދާޚިލީ ވަޒީރާ ސުވާލު ކުރެއްވުމުން ވެސް މީގެ އަސްލު މައްސަލަ ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ވާހަކައެއް ވިދާޅު ނުވާކަން ވެސް އެ ސިޓީގައި ފަހަގަ ކޮށްފައިވެ އެވެ.

ރައްޔިތުންގެ އަސާސީ ހައްގުތަކަކާއި ގުޅިފައިވާ މި މައްސަލައަށް އަދިވެސް ހައްލު ގެނެސްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.