އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއިން ބ. ފަރެސްގައި ތަރައްގީކުރާ ރިސޯޓް އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވަން ނިންމައިފި އެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އަކީ ތައިލެންޑުގެ މައިނާ ހޮޓެލްސް ހިންގާ ކުންފުނީގެ ބްރޭންޑެކެވެ.

"އަވާނީ ފަރެސް" ގެ ނަމުގައި ރިސޯޓް ތަރައްގީ ކުރަނީ މައިނާ ހޮޓެލްސް އާއި ދިވެހި ކުންފުންޏެއް ކަމަށްޗާ ސީޕްރިއާ މޯލްޑިވްސް ގުޅިގެންނެވެ.

ފަސް ތަރީގެ މި ރިސޯޓް ތަރައްގީ ކުރުމަށް 70 މިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ.

176 ކޮޓަރީގެ މި ރިސޯޓުގައި ސްޓޫޑިއޯ، ބީޗް ވިލާ އަދި އޯވާ ވޯޓާ ވިލާތައް ހުންނާނެ އެވެ.

އަވާނީ ފަރެސް މޯލްޑިވްސް ފޮޓޯ: އަވާނީ ހޮޓެލްސް

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއިން ބުނީ މި ރިސޯޓުގައި ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާއެއްގެ އިތުރުން ސައިޒުގެ ގޮތުން ބޮޑު ސްވިމިން ޕޫލެއް އޮންނާނެ ކަމަށެވެ.

ފަރެސްގައި ރިސޯޓު ތަރައްގީ ކުރަން ހަވާލު ކުރީ 2017 ވަނަ އަހަރެވެ.

ފަރެހުގައި އެންމެ ފުރަތަމަ ރިސޯޓު ހުޅުވަން މަސައްކަތް ކުރީ 2019 ވަނަ އަހަރެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރިސޯޓުގެ މަސައްކަތްތައް މަޑުޖެހުނީ އެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއަކީ ރާއްޖޭގައި މިހާރު ވެސް ރިސޯޓްތައް ހިންގަމުން އަންނަ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ވެސް މައި ކުންފުނި ކަމަށްވާ މައިނާ ހޮޓެލްސްގެ ބްރޭންޑެކެވެ. އެކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގައި އަނަންތާރާ ބްރޭންޑުގެ ތިން ރިސޯޓެއް ހިންގަމުންނެވެ.