ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކު ބާޒާރުމަތީގައި ކާބޯތަކެތީގެ އަގު އުފުލިގެންދެ އެވެ. ދިވެހި އުފެއްދުންތަކާއި ރާއްޖެއަށް ބޭރު ގައުމުތަކުން އެތެރެކުރާ ތަކެތީގެ އަގު ވެސް ފާއިތުވެދިޔަ ރޯދަ މަހު ވެސް އިންތިހާއަށް އުފުލިފައިވެ އެވެ.
ނަމަވެސް މިއަހަރުގެ ރޯދަ މަސް ފެށިގެން ހަތަރު ދުވަސް ވެގެންދިޔައިރު ރޯދަ މަހު އެންމެ ބޭނުންކުރާ ކަރާ އާއި ކަނޑޫދޫ މިރުހުގެ އަގު މިވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން ކަރާ ކިލޯއެއް 20 ރުފިޔާ އާއި 30 ރުފިޔާ ދެމެދުގައި ލިބެގެން ހުރިއިރު ކަނޑޫދޫ މިރުސް ކިލޯއެއް ހުރީ 300 ރުފިޔާ އާއި 210 ރުފިޔާ ދެމެދުގަ އެވެ.
މިފަހަރު ރޯދަ މަހު އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައި ވަނީ ލުނބޯ އާއި ކާށިގެ އިތުރުން ބައެއް ތަރުކާރީ ބާއްވަތްތަކުގެ އެވެ. އެގޮތުން ކެރެޓް ކިލޯއެއް 85 ރުފިޔާ އާއި 90 ރުފިޔާ ދެމެދު ލިބެން ހުރިއިރު، ލުނބޯ ކިލޯއެއް ލިބެން ހުރީ 80 ރުފިޔާ އަށެވެ.
ރޯދަ މަހާ ދިމާކޮށް ބާޒާރުގައި ބައެއް ބާވަތުގެ މޭވާ އާއި ތަރުކާރީގެ އަގު އުފުލިފައިވެ އެވެ.
އެގޮތުން ލޯކަލް މާރުކޭޓުގައި އާލަފާއި އޮރެންޖު އުޅެނީ އުޅެނީ 5 ރުފިޔާ އާއި 8 ރުފިޔާ އާ ދެމެދުގެ އަގެއްގަ އެވެ. މޭބިސްކަދުރު ކިލޯއެއް 170 ރުފިޔާ އަށް ލިބެން ހުރިއިރު، ރޯ ކަދުރު ކިލޯއެއް ލިބެން ހުރީ 160 ރުފިޔާ އަށެވެ. އަދި ދޮންކެޔޮ ކިލޯއެއް ހުރީ 75 ރުފިޔާ އާއި 80 ރުފިޔާ ދެމެދުގަ އެވެ.
އެހެން ރޯދަ މަސްތަކާ ހިލާފަށް މި ރޯދަ މަހު މާރުކޭޓުން ދިވެހި އަނބު ވެސް ލިބެން އެބަހުއްޓެވެ. އަނބު ކިލޯއެއް ލިބެން ހުރީ 65 ރުފިޔާ އާއި 100 ރުފިޔާ ދެމެދުގެ އަގެއްގަ އެވެ.
މާރުކޭޓުގައި ކިއުކަމްބާ ކިލޯއެއް 65 ރުފިޔާ ލިބެން ހުރިއިރު ބަޓާނާ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާ އަށެވެ.
ކޮފީފަތް ބޮނޑިއެއް ވިއްކަނީ 10ރ. އަށެވެ.
ބާޒާރުގައި އެހެން ބާވަތްތަކުގެ އަގުތަކަށް ބަލާއިރު ކާށީގެ އަގު އުޅެނީ 20 ނުވަތަ 15 ރުފިޔާއަށެވެ. އަދި ކުދި ކާށީގެ އަގު އުޅެނީ 12 ނުވަތަ 10 ރުފިޔާ އަށެވެ.
މީގެ އިތުރުން ވަޅޯ މަހުގެ އަގު އުޅެނީ ކިލޯއެއް 100 ނުވަތަ 80 ރުފިޔާ އަށެވެ.
ގޮޅިތަކުގެވެރިން ބުނާ ގޮތުގައި ރޯދަ މަހުގެ ކުރިޔަށް ހުރި ދުވަސްތަކުގައި ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ.