ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭވަރު ތަޖުރިބާ ހުރި ބޭފުޅަކީ ގާސިމް އިބްރާހީމް ކަމަށް އޭނާގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ޖޭޕީ އިސްވެ އޮވެ ރިޔާސީ ރޭހުގައި ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރުމުގެ ފުރުސަތު ކޮންމެ ޕާޓީއަކަށް ވެސް އޮންނާނެ ކަމަށެވެ.

އިލްހާމް ވިދާޅުވީ މުޅި ޖޭޕީ ވެސް އެދެނީ ގާސިމް ކުރިމަތިލެއްވުމަށް ކަމަށާއި އެއީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ހުރިހާ ގޮތަކުން ވެސް ތަޖުރިބާ ހުންނެވި ބޭފުޅަކީ ގާސިމް ކަމަށް ވުމުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުޅުވާލާފައިވާ ފުރުސަތު މާދަމާ މެންދުރު ހަމަވާއިރު، ގާސިމް ވެސް އަދި އެހެން ބޭފުޅަކު ވެސް ކުރިމަތިލައްވާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން މާބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް އިލްހާމް ވިދާޅުވީ އަދި އެއްވެސް ބޭފުޅަކު ކުރިމަތިލެއްވި ކަމެއް ނޭނގޭ ކަމަށާއި އެކަން އިނގޭނީ މާދަމާ ކަމަށެވެ.

ޕާޓީގެ މުޅި ލީޑަޝިޕް އެދެނީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކަމަށާއި ގާސިމަށް ފުރިހަމަ ތާއީދު ލީޑާޝިޕްގައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އިލްހާމް އިތުރަށް ވިދާޅުވީ މި ސަރުކާރުގައި ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން ޖޭޕީ ދޫކުރައްވާ ރައީސް ސޯލިހުއަށް ތާއީދުކުރެއްވި ކަމަށް ވިޔަސް އެކަމާ ކަންބޮޑުނުވާ ކަމަށެވެ. އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ކުރިމަގު އެބައޮތް ކަމަށާއި ޕާޓީ ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކޮށްފިއްޔާ އެ ވަގުތު ޖެހޭއިރު އެ ހުރިހާ ބޭފުޅުން ވެސް ޖޭޕީއަށް އަލުން އަންނާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިނތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވީ ނަމަވެސް، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޖޭޕީން ކުރިއަށް ގެންދެ އެވެ. އެގޮތުން ރައީސް ނަޝީދުއާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ގެންދަވަނީ މަޝްވަރާ ކުރަމުންނެވެ.