މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހުށަހަޅުއްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އަށް ގާސިމް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ ކެންޑިޑޭޓް ކަމަށް ކުރިމަތިލުމަށް އެ ޕާޓީން ކޮށްފައިވާ އިއުލާންގައިވާ ފަދައިން އެއްވެސް ބޭފުޅަކު ކުރިމަތިލާފައި ނުވާތީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓު ހޯދުމަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވުމަށް ނިންމެވުމާއެކު ޖުމްހޫރީ ޕާޓީން މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ބައިވެރިނުވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއާއެކު އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެފަ އެވެ. މިގޮތުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ހުސެއިން (ހަނަފީ) ހިމެނެ އެވެ.