ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު މުހައްމަދު ޝިހާބު އާއި ރައީސް ނަޝީދު ގެ އަރިސްބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ބައްދަލު ކުރެއްވުމަށް ގާސިމްގެ ސަންއައިލެންޑް ރިސޯޓަށް މިއަދު ވަޑައިގެންފި އެވެ.
މިބައްދަލުވުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަޑައިގެންނެވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ޝިފާޒު އާއި އެސްޓިއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު އެވެ.
މިފަދަ ބައްދަލުވުމެއްގައި ޝިހާބު ބައިވެރިވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ ޝިފާޒު އާއި އަމްރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މިބައްދަލުވުން އޮތީ ސަން އައިލެންޑް ރިސޯޓުގައި އެވެ. މިބައްދަލުވުމަށް އެބެފުޅުން ވަޑައިގެންނެވި ފޮޓޯ އެއް ވަނީ އާންމު ކުރައްވާފައި އެވެ.
މީގެ ކުރިން ވެސް މިބޭފުޅުން ގާސިމް އާއި ބައްދަލުވުންތައް ބޭއްވި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
ޖޭޕީއާއި ރައީސް ނަޝީދުގެ ފެކްޝަނުން ގެންދަވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރަމުންނެވެ.