ބޮލީވުޑްގެ ސެލެބްރިޓީ ޓޯކް ޝޯވް "ކޮފީ ވިތު ކަރަން"ގެ 8 ވަނަ ސީޒަން ފަށަން ތައްޔާރުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އެގޮތުން އެ ޝޯވގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މިފަހަރުގެ ޝޯވގައި މެހްމާނެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެންނާނީ ޝާހްރުކް ޚާން އެވެ.

އެންމެ ފަހުން ގެނެސްދިން ސީޒަން ހަތެއްގައި ޝާހްރުކް ފެނިފައިނުވާއިރު އަލަށް ފަށާ ސީޒަންގައި އޭނާގެ ފިލްމު "ޕަތާން"ގެ ކާމިޔާބީއާ ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށް ލަފާ ކުރެވެ އެވެ.

އޭގެ އިތުރުން ވެސް އިންޑިއާގެ ފިލްމީ ދާއިރާ އިތުރަށް ފުޅާ ވަމުން ދިއުމާއެކު މިފަހަރުގެ ސީޒަންގައި ދެކުނު އިންޑިއާގެ ފިލްމީ ދާއިރާގެ ފަންނާނުން ވެސް ފެންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ސީޒަންގައި ޝޯގެ ފޯމެޓަށް ބަދަލު ގެނެސް އިތުރު ބައިތައް ހިމަނާފައިވާއިރު ސެޓު ވެސް ވާނީ ތަފާތު ގޮތަކަށް ފަރުމާ ކުރެވިފައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.

ކޮފީ ވިތު ކަރަން އަކީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށައަޅައިދޭ ޝޯ އެކެވެ. މިޝޯގައި މީގެ ކުރިން އެކްޓަރުން ބުނި ބަސްތަކުގެ ސަބަބުން ދާއިރާގެ ފަންނާނުންގެ މެދުގައި މައްސަލަ ޖެހިފައި ވެސްވެ އެވެ.