އާދައިގެ މަސްތަކުގައި ވެސް ދިޔާތަކެތި ގިނައިން ބޭނުން ކުރުމަށް ޑޮކްޓަރުން އަބަދުވެސް ލަފާދެ އެވެ. އެހެން ކަމުން ރޯދަމަހު ގިނަ ވަގުތުތަކެއް ކެއިންބުއިމުން ދުރުވެ ތިބެން ޖެހޭއިރު ދިޔާތަކެތި ބޭނުން ކުރުން އިތުރު ކުރުމަކީ މުހިއްމު ކަމެކެވެ.

މިކަމާ ބެހޭ ގޮތުން ހެދިފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ރޯދަ މަހު ރޯދައަށް ނުހުންނަ ވަގުތުތަކުގައި 8 ތަށްޓާއި 12 ތަށްޓާއި ދެމެދުގެ އަދަދަކަށް ފެން ބޯން ޖެހެ އެވެ.

"ރޯދަ ވީއްލާ ގަޑީގައި ގިނަ އަދަދެއްގެ ފެން އެއްފަހަރާ ބުއިމަކީ އެހާ ރަނގަޅުކަމެއް ނޫން." އެ ދިރާސާގައި ބުނެފައިވެ އެވެ.

ފެން މަދުވުމުން ދިމާވެދާނެ މައްސަލަތައް

  • ބޯ އެނބުރުން
  • ބޮލުގައި ރިއްސުން
  • އާދަޔާ ހިލާފަށް ވަރުބަލިވުން
  • ހަރަކާތްތެރިވެ ނޫޅެވުން

ފެން ބޯއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ވެސް އެބަހުއްޓެވެ. އެގޮތުން އެހާ ފިނި ނޫން ފެން ބުއިމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. އެގޮތުގެ މަތިން ހަޖަމް ކުރަން ފަސޭހަވާނެ އެވެ.

ކަރުހިއްކުން ކުޑަކުރުން ކުރެވިދާނެ ބައެއް ކަންކަން

  • ކެފެއިން ހުންނަ ތަކެތި ބޭނުންކުރުން މަދު ކުރުން
  • ރޯދަވީއްލާ އިރު ތަރުކާރީއާ މޭވާ ގިނައިން ކެއުން
  • ލޮނު އަދި ކުޅި އެއްޗިހި މަދުން ބޭނުން ކުރުން

ހާރުދަމު ލޮނު އެއްޗިހި އަދި ކުޅި އެއްޗެހި ގިނައިން ބޭނުން ކުރާ ނަމަ ދުވާލު ގަޑީރައި ކަރުހިއްކުމުގެ އިހުސާސްވުން އިތުރުވާނެ އެވެ.

ރޯދައަށް ހުރުމުން ޑީހައިޑްރޭޓްވުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ކުޑަކުދިން އަދި މުސްކުޅިންގެ އިތުރުން ހަކުރު ބަލި ހުންނަ މީހުންވެސް ހިމެނެ އެވެ. އެހެން ކަމުން މިފަދަ މީހުން ގިނައިން ދިޔާތަކެތި ބޯން ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.