ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޝަރުތު ހަމަވާ ކަމަށް ނިންމާ ގާސިމްއަށް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް މިއަދު ކައުންސިލުން ފާސްކޮށްފި އެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓު ހޯދުމަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހަށް ހަމަވި އިރު ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ.

ގާސިމްގެ އެ ހުށަހެޅުއްވުމާ ގުޅެގޮތުން މިއަދު ވަނީ ޖޭޕީގެ ކައުންސިލް ބައދަލުވުމެއް ބާއްވާފަ އެވެ.

ޖޭޕީގެ ކައުންސިލުން މިއަދު ނިންމާފައި ވަނީ ގާސިމް ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޝަރުތު ހަމަވާ ކަމަށެވެ. އަދި ގާސިމްއަށް ޖޭޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް ކައުންސިލުން ވަނީ ނިންމާފައި އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވުމަށް ނިންމެވުމާއެކު ޖުމްހޫރީ ޕާޓީން މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ބައިވެރިނުވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއާއެކު އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެފަ އެވެ.