ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީޕާޓީ އާއި އެކު ކޯލިޝަން ހެދުމަށް އަސް ޕާޓީ އަކަށް ދައުވަތު ދޭން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވައިފި އެވެ.

ޖުމްހޫރީޕާޓީ އިން ރިޔާސީ އިންތިހާބުގައި ވަކީން ވާދަ ކުރަން ނިންމާ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ގާސިމް ވަނީ ކުރިމަތި ލައްވާފަ އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ކުރިމަތިލެއްވީ ވެސް ގާސިމް އެކަންޏެވެ.

ޖެޕީގެ ޓިކެޓް ގާސިމަށް ދޭން އެ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

ޖޭޕީން މިދިޔަ ފެބްރުއަރީ މަހު ބޭއްވި އެޕާޓީގެ ކޮންގްރެސް ގައި ނިންމާފައިވަނީ ޖޭޕީން ވަކިން ވާދަކުރާށެވެ. އަދި އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރުމުގެ ބާރު ވަނީ ގާސިމަށް ދީފަ އެވެ.

ގާސިމް މިއަދު ވަނީ އިދިކޮޅު ޕީޕީއެމް ހިމެނޭ ގޮތަށް ޕާޓީއަކަށް ދައުވަތު ދިނުމަށް ސިޓީގައި ސޮއިކުރައްވާފަ އެވެ. އެހެން ނަމަވެސް އެ ސިޓީ އަދި އެއްވެސް ޕާޓީއަކަށް ނުފޮނުއްވަ އެވެ.

އެކަމަކު އެ ކޯލިޝަން ހެދުމަށް ޕީޕީއެމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކޯލިޝަންގެ ދައުވަތު ދެއްވުމަށް ވެސް މިއަދު ވަނީ ސިޓީގައި ސޮއި ކުރައްވާފައިވެ އެވެ.

ގާސިމް އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަސައްކަތް ކުރައްވާއިރު، ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ ކޯލިޝަން ހެދުމަށް ރައީސް ވަނީ ޖޭޕީ ހިމެނޭ ހެން މިހާރު ސަރުކާރުގައި ތިބި ޕާޓީތަކަށް ދައުވަތު ދެއްވާފަ އެވެ. އެހެން ނަމަވެސް އަދާލަތު ޕާޓީ ފިޔަވާ އެހެން ޕާޓީއަކުން އެ ދައުވަތު ގަބޫލެއް ނުކުރެ އެވެ.

ގާސިމް މިހާރު ވެސް ގެންދަވަނީ އެމްޑީޕީގެ ރައީސް ނަޝީދާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރައްވަމުންނެވެ.