މިނިސްޓަރުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރެއްވުމުގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި މިނިސްޓަރުގެ ޒިންމާއިން ފެއިލްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުނެވެ.

މެމްބަރު ޝިޔާމް ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅޭގޮތުންނާއި، ރާއްޖޭގައި ބިދޭސީ ސިފައިން ބޭތިއްބުމާ މެދު ވަޒީރު ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ސަރުކާރާއި ރައްޔިތުންނަށް ގެއްލުމެއް ލިބޭނެ އެއްވެސްކަމެއް އެކަމަނާ ކުރަށްވާފައި ނުވާނެކަމަށާއި، އެކަމަނާގެ ވަޒީފާގެ ޒިންމާތައް އުފުއްލަވަމުން ގެންދަވަނީ ގައުމާއި ރައްޔިތުންނަށް ހެވާއި ލާބަ ހުރި ގޮތުގައި ކަމަށެވެ. އަދި އެކަމަނާ ފެއިލްވެފައިވާ ކަމަށް މެންބަރު ޝިޔާމް ވިދާޅުވެފައިވާތީ އެކަމަށް ވެސް މިނިސްޓަރ ވަނީ ރައްދު ދެއްވައިފަ އެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ އަޅުގަނޑު ޤަބޫލެއް ނުކުރަން. ނަމަވެސް އެއްވެސް ވަޒީރަކު، ކުރާކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން މި މަޖިލީހުގެ އެއްވެސް ޢިއްޒަތްތެރި މެންބަރަކަށް އެ ވަޒީރަކު ފެއިލްވީކަމަށް ޤަބޫލުފުޅު ކުރެއްވިއްޖެނަމަ އެވަޒީރަކާ ދޭތެރޭ ފިޔަވަޅު އެޅުއްވުމަށް ޤާނޫނު އަސާސީ އާއި ޤާނޫނުން ފުރިހަމަ އިޚްތިޔާރު ލިބިގެންވާކަން އަޅުގަނޑު ޤަބޫލުކުރަން،" މާރިޔާ މިއަދު ވިދާޅުވި އެވެ.

މިނިސްޓަރ މާރިޔާ ވަނީ ޝިޔާމްގެ ސުވާލާ ގުޅިގެން ދިފާއީ ވަޒީރުގެ މަސްއޫލިއްޔަތާއި ޒިންމާތައް ޤާނޫނުގައި އޮންނަގޮތް ސާފުކޮށްދެއްވައިފަ އެވެ.

އިތުރު ސުވާލު ކުރުމުގެ ވަގުތުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު ހުއްޓުވީ ދުރާލާ ރާވައިގެން ކުރި ކަމެއްތޯ އާއި އާންމުކޮށް މުޒާހަރާ ކުރާ މަގަކުން ދަތުރުކުރީ ގަސްދުގައިތޯ ސުވާލު ކުރައްވައިފަ އެވެ.

މެމްބަރު ސައީދުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި މޮޓޯކޭޑާއި ގުޅިގެން ހިނގައިދިޔަ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ބަލަމުންދާ ކަމަށެވެ. އަދި ރައީސްގެ މޮޓޯކޭޑް ދަތުރުކުރައްވާ ރޫޓު ކަނޑައެޅުމަކީ މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.