އަލްޖިއާސް (އެޕްރީލް 5) - އަލްޖީރިއާގެ ވެރިރަށުގެ މަސްޖިދު އަލް ޖަޒާއިރުގައި ތަރާވީހު ނަމާދު ކުރަމުން ދަނިކޮށް އާދަޔާޚިލާފު ހާދިސާއެއް ކުރިމަތިވެއްޖެ އެވެ. އިމާމު ތަރާވީހުގައި ގުރުއާން ކިޔަވަމުން ދަނިކޮށް ބުޅަލެއް ފުންމައިގެން އިމާމުގެ ކޮނޑަށް އަރައި މޫނުގައި ބޮސްދީ ހެދިއިރު ވެސް އިމާމަށް އެކަމުން މާބޮޑު ސިހުމެއް އިހުސާސް ނުކުރެވެ އެވެ.
އާއްމު ގޮތެއްގައި ނަމާދުގެ ޚުޝޫއަތްތެރިކަމުގައި ތިބޭ ވަގުތު މި ގޮތަށް ބުޅަލެއް ފަދަ އެއްޗެއް އަރައިފި ނަމަ ނަމާދުގައި ތިބޭ މީހުން ސިއްސައިގެން ދިއުން އެކަށީގެންވެ އެވެ. އެކަމަކު ނޯތު އެފްރިކާގެ އަލްޖީރިއާގެ މިސްކިތުގައި އިމާމުގެ ގަޔަށް ބުޅާ ފުންމައިގެން އެރި އިރުވެސް ވަރަށް ހަމަޖެހިލައިގެން ހުރެ އޭނާ ދިޔައީ ގުރުއާން ކިޔަވަމުންނެވެ. އެހެންވެ އެކަމަށް ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ތައުރީފް އިމާމަށް ވަނީ ރައްދުކޮށްފަ އެވެ.
ބުޅާ ފުންމައިގެން އިމާމުގެ ކޮނޑަށް އެރީ އިމާމްއާ ކައިރީގައި އިރުކޮޅަކު އުޅުމަށް ފަހު އެވެ. ކޮނޑަށް އެރުމުގެ ކުރިން، ހަށަންބަނދެގެން ހުރި އިމާމުގެ އަތްމަތީގައި ވެސް ބުޅާ މަޑުކޮށްލުމާ އެކު އިމާމުގެ އަތުން ބުޅާލުގައި ހިފަހައްޓާލަ އެވެ. އެހެންކަމުން ބެލެވެނީ އެއީ އިމާމު އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް ކަމަށެވެ. އަދި ބުޅާ ފުންމައިގެން އެރުމުން އިމާމަށް ސިހުން ގެނުވައިފައި ނުވަނީ އެހެންވެ ކަމަށް ބެލެވެ އެވެ.
މި ހާދިސާ ހިނގުމާ އެކު ސޯޝަލް މީޑިއާގައި ބަައެއް މީހުން ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ. އެއް ބަޔަކު ބުނި ގޮތުގައި ތަރާވީހު ނަމާދުގައި ކުއްލިއަކަށް މެހެމާނަކު އިތުރުވީ އެވެ. ޓްވިޓާގައި މީހަކު ބުނީ ބުޅާ ދިޔައީ ގުރުއާން އަޑުއަހަން ކަމަށެވެ. އަދި އޭނާ ގުރުއާން ކިޔަވާއިރު ވެސް އޭނާ ގެންގުޅޭ ބުޅާ އަޑުއަހަން އޮންނަ ކަމަށް ބުނެފައިވެ އެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި އެތައް މިލިއަން ބަޔަކު ވަނީ ބަލައިފަ އެވެ.