މި އަހަރު ދިވެހި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވޯލްޑް ބޭންކްގެ އަންދާޒާތަކަށްވުރެ މަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގެ އެންމެ ފަހުގެ އަދަދުގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވެ، ފަގީރުންގެ ނިސްބަތް ކޮވިޑުގެ ކުރިން ހުރި މިންވަރަށް ވުރެ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. ލަފާކުރެވެނީ މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށެވެ. ވީމާ އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށްވުރެ މަތިވާނެ ކަމަށެވެ.
ވޯލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށް ވުރެ ދަށްވާނެކަމަށް ލަފާކޮށްފައި ވަނީ، 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވޯލްޑް ބޭންކުން އަންދާޒާކުރި މިންވަރަށް ވުރެ މަތިވެފައިވާތީ، ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅިގެން ކަމަށެވެ.
އަމީރު ވިދާޅުވީ މިއީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށްވީ ނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަ ކަމަށެވެ. އަދި މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ބޮޑުތަނުން އިތުރުވެފައި ވާތީ ކަމަށެވެ.
ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި މިނޫނަސް ކުރިމަތިވާ ފިސްކަލް ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައި ވާނީ ކަމަށް އަމީރު ވިދާޅުވި އެވެ. މިއަދު ހިރާސްތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް ކަމަށެވެ. މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ރިޕޯޓުގައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ރަނގަޅު މިންވަރެއްގައި ދެމެހެއްޓޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން އަދި އަމިއްލަ ފަރާތްތަކުން ތަކެތި ގަންނަ މިންވަރު އިތުރުވުމެވެ.
މި އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.6 އިންސައްތައިގަ އެވެ. އެހެން ނަމަވެސް، ބޭރުން ކުރިމަތިވާ ލޮޅުންތަކާއި މާލީ ނިޒާމުގެ ނާޒުކުކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވެ އެވެ. އޭގެ ތެރޭގައި، ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމާއި ދުނިޔޭގެ ނާޒުކު ހާލަތު ހިމެނެ އެވެ.