އިޒްރޭލުގެ ސިފައިން ގަދަބާރުން މަސްޖިދުލް އަގްސާ މިސްކިތަށް ވަދެ އެ މިސްކިތުގައި ނަމާދުކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިނުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކު ކަން ފާހަގަކޮށް، ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަން ތަކުރާރުކޮށްފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަން ވެސް ރާއްޖޭގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ބަޔާނުގައި ވަނީ އިޒރޭލުގެ ސިފައިންގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލީހާ އާއްމު މަޖިލީހުގެ ގަރާރުތަކާ ހިލާފު އަމަލުތަކެއްކަން ފާހަގަކޮށްފަ އެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި، މެދުއިރުމަތީގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ހުރަސް އެޅޭކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ، ސުލްހަވެރި ހައްލެއް ލިބެން އޮތީ، 1967ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ މިނިވަން، މުސްތަގިއްލު ފަލަސްތީނެއް ގާއިމުކުރެވިގެންކަން ކަމަށް ރާއްޖޭގެ ސަރުކާރުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.