މިއަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއްގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއްގައި މާލެ ސަރަހައްދުގައި ޖުމުލަ 32 މިސްކިތެއްގައި ނަމާދު ކުރާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 18 މިސްކިތަކާއި، ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއް ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ދަމު ނަމާދު ކުރުމުގެ އިތުރުން ރޯދަ މަހުގެ ފަހު ދިހައެއްގައި 14 މިސްކިތެއްގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ. އެއީ މާލޭގެ 7 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 6 މިސްކިތެކެވެ.

ކޮންމެ ރޯދަ މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމު ނަމާދުކޮށް އުޅެ އެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމު ނަމާދުކުރަން ފަށަނީ މެންދަމު 2:00 އިން ފެށިގެންނެވެ.

ދަމު ނަމާދަކީ، އިޝާ ނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކު ނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސް ވަގުތުގެ ކުރިން ދެ ރަކުއަތުން، ދެ ރަކުއަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.

ކޮންމެ ރޯދަ މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެ އެވެ.