ކްރިތީ ސަނޯން އާއި ޕްރަބާސްގެ އިތުރުން ސައިފް އަލީ ޚާން އެކީގައި ކުޅުނު ފިލްމު "އަދިޕުރުޝް"އާ ގުޅިގެން އަނެއްކާ ވެސް މައްސަލަކެއް ފެންމަތިވާން ފަށައިފި އެވެ.

ހިންދޫ ދީނުގެ ވާހަކަތަކަށް ބިނާކޮށް އެ ފިލްމު ކުޅޭއިރު، ފިލްމުގެ ޕްރޮޑަކްޝަނުން އެ ފިލްމުގެ ޓީޒާ ދައްކައިލީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. ފިލްމުގެ ބަތަލެއްގެ ރޯލު ކުޅެނީ ޕްރަބާސް އެވެ. އަދި ބަތަލާގެ ރޯލު ކްރިތީ ކުޅޭއިރު، ފިލްމުގައި ނެގެޓިވް ރޯލަކުން ސައިފް ފެނިގެންދާނެ އެވެ.

މަޝްހޫރު، އަދި ކާމިޔާބު ފިލްމުތައް ކުޅެދީފައިވާ ފަންނާނުން އަދިޕުރުޝް ކުޅުނު ނަމަވެސް ފޭނުންނަށް އެ ފިލްމާއި ގުޅޭ އެކި ކަންކަން ކަމުނުދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަޅުތާލުކޮށްފައިވެ އެވެ. އަދި ފިލްމު ނުދައްކައި ބޮއިކޮޓް ކުރުމަށް ވެސް އާންމުންނާއި ހިންދޫ ދީނުގެ އިލްމުވެރިންގެ އިތުރުން، ސިޔާސީ މީހުން ދަނީ ގޮވާލަމުންނެވެ.

އާންމުން ފިލްމަށް އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ ފިލްމުގެ ވީއެފްއެކްސް ގެނެސްދީފައިވާ ގޮތަށެވެ. ހަމައެހެންމެ ހިންދޫ ދީނުގެ އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ވެސް އާންމުން ފާޑުކިޔާފައިވެ އެވެ. މިކަމާ ގުޅިގެން ފިލްމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށްފަހު އަލުން ފިލްމު ރިލީސްކުރާ ދުވަސް ވަނީ ފަސްކޮށްފަ އެެވެ. އަދި އިސްލާހު ކުރުމަށްފަހު ދެވަނަ ފަހަރަށް ފިލްމުގެ ޕޯސްޓަރު އާންމުކުރުމުން ވެސް އާންމުންނަށް އެ ޕޯސްޓަރު ކަމުނުދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ހަޅުތާލުކުރަން ފަށައިފަ އެވެ.

މި މައްސަލަ ހޫނުވެގެން ގޮސް އެންމެ ފަހުން ބަޔަކު ވަނީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި، ފިލްމުގެ ޕޯސްޓަރުގައި ހިންދޫ ދީނުގައި ދައްކުވައިދޭ ގިނަ ކަންކަން ފިލްމުގެ ކެރެކްޓާތަކުން އުނިކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެ ފިލްމް އެންމެ ފުރަތަމަ ނެރުމަށް ހަމަޖެހިފައި އޮތީ އޮގަސްޓް މަހު އެވެ. އެހެން ނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހު އަންނަ އަހަރުގެ ޖެނުއަރީ އަށް ބަދަލުކުރުމަށް ފަހު އަނެއްކާ ވެސް ވަނީ ޖޫން މަހު ނެރުމަށް ނިންމާފަ އެވެ.