ވިސާ ނުލިބިގެން ސަފާ ގުރޫޕުން އިއްޔެ އުމްރާއަށް ނުފުރުނު އުމްރާވެރިންނަށް އަންނަ ހަފުތާގެ އަންގާރަ ދުވަހު ފުރޭނެ ކަމަށް އެ ގުރޫޕުން ބުނެފި އެވެ.

ސަފާ ގުރޫޕުން އުމްރާއަށް ދިއުމަށް ބުރާސްފަތި ދުވަހު ހެނދުނު ފުރަން ހަމަޖެހިފައިވާ މީހުންނަށް ވިސާ ހަމަނުޖެހިގެން ވަނީ ނުފުރިފައި އެވެ. އޭރު ވަނީ ކުރިން އެމީހުންގެ ލަގެޖްތައް ވެސް އެއާޕޯޓަށް ގެންގޮސްފަ އެވެ.

ވިސާ ނުލިބޭ ކަމެއްވެސް އެގުރޫޕުން އުމްރާއަށް ފުރަން ތައްޔާރުވެފައި ތިބި މީހުންނަކަށް ނާންގައެވެ.

އެކަމާ ގުޅިގެން ސަފާ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް މުހައްމަދު ވިދާޅުވީ ރޯދައިގެ 20 ވަނަ ދުވަހު އުމްރާވެރިން ގޮވައިގެން ފުރުމާ ބެހޭ އެއްބަސްވުމެއްގައި މާދަމާ ސޮއިކުރާނެ ކަމަށެވެ. އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

ވިސާ ނުލިބުނު ކަމަށް ބުނެ، މި ރޯދައިގެ އުމްރާ ދަތުރު އެ ކުންފުނިން ކެންސަލް ވެސް ކުރި އެވެ.

ސަފާ ގްރޫޕުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މައްކާއަށް ފުރޭތޯ ކުރި މަސައްކަތުން "އެއްވެސް އަލިމަގެއް ފެންނަން ނެތް" ކަމަށެވެ. އެހެންވެ، މި އަހަރުގެ ރޯދަ މަހުގެ އުމްރާ ދަތުރު ކެންސަލްކުރީ ކަމަށް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީންވެސް ވަނީ އެކަން ހިނގާދިޔަ ގޮތް ބަލާފައި އެވެ. މިނިސްޓްރީން ބުނީ މި ރޯދަމަހު ފަހު ދިހައިގައި އުމްރާގެ އަޅުކަން އަދާކުރަން އަލް ސަފާ ގުރޫޕުގެ ހަވާލުގައި ސައުދީ އަރަބިއްޔާއަށް ދާން ތިބި މީހުންނަށް ވިސާ ހޯދުމަށް ގްރޫޕުން ދުރާލާ މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

އުމްރާ ވިސާ އަކީ ސައުދީ ސަރުކާރުން ހުއްދަ ދީފައިވާ އެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ހިދުމަތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސަފާ ގުރޫޕުގެ އުމްރާވެރިންނަށް ނުފުރިފައިވަނީ ސައުދީ ސަރުކާރާއި ދިވެހި ސަރުކާރުން ދޭން ޖެހޭ ހުއްދައެއް ނުލިބިގެން ނޫން ކަމަށާއި ސަފާ ގުރޫޕުން ވިސާ ހޯދުމަށް އެދުނު ސައުދީ އެޖެންސީގެ ފަރާތުން ވިސާގެ ކަންކަން ހަމަޖެހިފައި ނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އުމްރާއަށް ނުފުރުން މައްސަލާގައި އެމީހުންވަނީ އަލުން އަނބުރާ ފައިސާ ދިނުމަސްވެސް ގުރޫޕުގައި އެދިފައި އެވެ. އެހެން ނަމަވެސް އެކަމަށް އެގުރޫޕުން ޖަވާބެއް ނުދެއެވެ. އަދި އެގުރޫޕުގެ ފަރާތުން އުމްރާވެރިންނަށް ދަތުރުގެ މައުލޫމާތު ދިނުމަށް ހަދާފައިވާ ވައިބަރ ގުރޫޕުވެސް މިހާރު ވަނީ ކޮމެންޓު ނުކުރެވޭ ގޮތް ހަދާ ފައި އެވެ.

އެހެންވެ އުމްރާއަށް ނުފުރު މީހުން މިރޭ ސަފާ ގުރޫޕު ކައިރިއަސް އެއްވުމަށް ވަނީ ނިންމާފައި އެވެ.