މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ މިވަގުތު ސަރުކާރުގައި މިވަގުތު ތިއްބެވި ވަޒިރުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ އެބޭފުޅުންނާމެދު އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހިދާނެކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރައްވާއިރު މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއިން ވެސް އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ނިންމާފަ އެވެ. އެއާއެކު މިސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ ބައެއް ފަރާތްތަކުން ވަނީ އެޕާޓީން ވަކިވެ، ރައީސް ސޯލިހަށް ތާއިދު ކުރެއްވުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް އެހެންނަމަވެސް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަންނަނީ އަންނަނީ ގާސިމް އިބްރާހިމްއާއެކު މަސައްކަތް ކުރައްވަމުންނެވެ.
އަދި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއިން ވެސް ރައިސް ސޯލިހާއެކު ކޯލިޝަން ހެދުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ރީތި ގޮތުގައި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ ނޯ ކޮންފިޑެންސް ވޯޓް ނެގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
މީގެ ކުރިން ވެސް ރާއީ ވަނީ ވަރަށް ހަޑި ހުތުރު ބަހުން ޖޭޕީގެ މެމްބަރުންނާ ވާހަކަ ދައްކަވައިފަ އެވެ. އަދި މިހާރު ސަރުކާރުގެ މަގަމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އިސްތިއުފާ ދެއްވުމަށާ އަދި އިސްތިއުފާ ނުދެއްވައިފި ނަމަ ވަރަށް ލަދުހަޔާތް ކުޑަކޮށް މަޖިލީހަށް އެބޭފުޅުން ހާޒިރުކޮށް ކަންބަޅި ކަތިލާހެން މަގާމުތަކުން ވަކިކުރާނެ ކަމަށް ބުނެ ރާއީ ވަނީ ޖޭޕީގެ ބޭފުޅުންނަށް އިންޒާރު ދެއްވާފައި އެވެ.
"ވަރަށް ލަދުހަޔާތް ކުޑަކޮށް މިތަނަށް ގެނެސް ފަހަރަކު މީހަކު، ކަންބަޅި ކަތިލާ އުސޫލުން، ވަކިކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ،" ޖޭޕީގެ ބޭފުޅުންނަށް އިޝާރާތްކުރައްވައި ރާއީ ވިދާޅުވި އެވެ.
ޖޭޕީ އަދި އެމްއާރުއެމުން ރައީސާއެކު ކޯލިޝަން ނުހެދި ނަމަވެސް އަދި ޖޭޕީން ވަކިން އިންތިޚާބަށް ނުކުންނަން ނިންމި ނަމަވެސް އެއިން ޕާޓީއެއްގެ ސްލޮޓުގައި މަޤާމެއްގައި ހުންނެވި ބޭފުޅަކު މިހާތަނަށް ރައީސް އިބްރާހީމް ވަކިނުކުރައްވަ އެވެ.
ނަމަވެސް އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފެއްޓެވި އަދި މިހާރު ޖޭޕީއާއެކު މަސައްކަތްކުރާ ފިކުރެއްގެ ދިރުން ހަރަކާތަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން މަޤާމުތަކުން ވަކިކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު ހުސައިން ރަޝާދު ހިމެނިވަޑައިގަންނަވަ އެވެ.