އަމީނީމަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑެތި ތަކްލީފު އުފުލަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ އެންމެ މުހިއްމު އެއް މަގުކަމަށްވާ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން އަންނަނީ ކުރަމުންނެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅިގެން މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑެތި ތަކްލީފުތަކެއް އުފުލަމުން ކަމަށާއި ނަފްސާނީ އަދި އިޖްތިމާއީ އެތައް ގެއްލުމެއް ރައްޔިތުންނަށް ވަމުންދާ ކަމަށެވެ.

މޭޔަރު ވަނީ ސަރުކާރުން ސިޓީ ކައުންސިލްގެ އަޑު އެންމެ ފަހަރަކު ނަމަވެސް އެހުމަށް އެދިވަޑައިގެންފަ އެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ގާކޮށި ފްލެޓްގެ ޕާކިން ޒޯނުން ފެށިގެން ރަށްދެބައި ހިނގުމާ ހަމައަށް ހޮނިހިރު ދުވަހުން ފެށިގެން ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއޫ ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84،414،546.83ރ. އަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އަމީނީ މަގު އަވަހަށް ނުނިމޭތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.