ދެ ދަރިނާއެކު މަގުމަތިކޮށްލި އަންހެނަކަށް އެހީ ހޯދުމުގެ މަސައްކަތް މަންމައިންގެ ހައްގުގައި މަސައްކަތްކުރާ "މަމްސް އެއިޑް" އިން ފަށައިފި އެވެ.

މަމްސް އެއިޑް އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދެ ދަރިންނާއެކު ގެއިން ނެރެލުމުން ތިންމައިން ހާލުގައިޖެހިފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭގެ ދަންވަރު ކަމަށެވެ.

އެ އާއިލާގެ ހުރިހާ އެއްޗެއް މަގުމައްޗަށް ނެރެ އުކާލާފައިވާ ފޮޓޯތަކާއިއެކު ލިޔެފައިވާ ޕޯސްޓްގައި ބުނެފައިވަނީ އެވަގުތަށް ބޭނުންވާ ކާބޯތަކެތި އެއާއިލާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ސަމީރާ (އަސްލުނަމެއް ނޫން) ހަވާލާދީ މަމްސް އެއިޑްއިން ބުނީ ގެއިން ނެރެލުމުން ދެ ދަރިންނާ އެކު ގޮސް ކޮޓަރިއެއްގައި އުޅެމުން ދަނީ ދުވާލަކު 500 ރުފިޔާ ދީގެން ކަމަށެވެ. އެތަނުގެ ކުލި އޭނާ ދައްކަނީ، އެތަނުގެ ތެރޭގައި ކަރަންޓް އުނދުނަކުން ރޮށި ފިހެގެން ވިއްކައިގެން ލިބޭ ފައިސާއިންނެވެ. އެ ރުފިޔާ ދެއްކުމަށްފަހު ކުދިންގެ ހަރަދަށް އަދި ކެއުމަށް ބޭނުންކުރާނެ ރުފިޔާއެއް ނޯންނަ ކަމަށާއި، މި ތިންމައިންނަށް ވީހާ އަވަހަކަށް އެހީތެރިކަން ބޭނުންވާކަމަށް ވަނީ ބުނެފަ އެވެ.

ކުރީގެ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގައި ދިރިއުޅުނު އިރުވެސް އެމީހުންގެ ފަރާތްތުން އުދަގޫތަކާއި ކުރިމަތިލާ ޖެހުނު ކަމަށް ސަމީރާ ވަނީ ބުނެފަ އެވެ. އެގޮތުން ކަރަންޓާއި ފެން އެތައް ފަހަރަކު ކަނޑާލައި އެކި ކަހަލަ ދަތިތައް ކުރިމަތިކުރި ކަމަށް މަމްސް ޖަމިއްޔާ އިން ބުންޏެވެ.

މި ހާލަތާ ހެދި ކުދިން ސްކޫލަށް ނުފޮނުވާތާ ވެސް މަހަކަށް ވުރެން ގިނަ ދުވަސް ވެއްޖެ ކަމަށް މަމްސް ޖަމިއްޔާ އިން ބުންޏެވެ.

އަންހެން މީހާއާ ހަވާލާދީ މަމްސް ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީއަށާއި ޕޮލިހަށް މައްސަލަ ހުށަހަޅާފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް މައްސަލައަށް ކުރިއެރުމެއް ނާންނަ ކަމަށް އޭނާ ބުނެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މި އާއިލާއަށް ހޯދަން ބޭނުންވާތަކެތި:

  • އެއް ކޮޓަރީގެ އެޕާޓްމެންޓެއް (6000 ރުފިޔާ އަށްވުރެ އަގުބޮޑު ނުވާގޮތަށް މާލެއިން)
  • ކުދިންގެ ޔުނިފޯމް
  • ބަދިގޭގައި ބޭނުންކުރާ ސާމާނު
  • ކޮޓަރިއަށް ބޭނުންވާ ފަރުނީޗަރު
  • ހަތް އަހަރުގެ އަންހެން ކުއްޖަކަށް އަދި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކަށް ބޭނުންވާ ހެދުން
އަންހެން މީހާ ދެ ދަރިންނާ އެކު މަގުމަތީގައި:

މަމްސް އެއިޑް އިން ބޭނުންވަނީ މި މަންމައަށް ވީހާވެސް އަވަހަކަށް ލުއިފަސޭހަ ގޮތަކަށް ދިރިއުޅެވޭނެ ގޮތެއް ހޯދައި ދިނުމަށް މަސައްކަތްކުރާށެވެ. މި ގޮތުން ހެޔޮއަގުގައި ކުއްޔަށްދޭ ތަނެއް ހޯދައިދީ ކުދިން ގަވާއިދުން ސްކޫލަށް ފޮނުވޭނެ ގޮތެއް މަގުފަހިކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ގިނަ އަދަދެއްގެ ރޮށި އެކަނި ފިހުމަކީ ބުރަމަސައްކަތަކަށް ވާތީ އާމްދަނީ ހޯދުމަށްޓަކައި އިތުރު މަސައްކަތެއް ފެށޭނެ ގޮތެއް ހޯދައިދިނުމަށް ބޭނުންވެއެވެ.

މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މަމްސް އެއިޑް ޕޭޖް އަށް މެސެޖު ކުރެވިދާނެއެވެ. ނުވަތަ 9851477،7688122،7762160 މި ނަންބަރަށް ގުޅާފަ އިތުރު މައުލޫމާތު ސާފު ކުރެވިދާނެ އެވެ.