ރޯދަ މަހަކީ ޣައިރު މުސްލިމުންނަށް ވެސް ތަފާތު ތަޖުރިބާތަކެއް ކުރުވާ މައްސަރެކެވެ. ހާއްސަކޮށް މުސްލިމް ގައުމުތަކުގައި އުޅޭ އެހެން ދީންތަކުގެ މީހުންނަށް ރޯދަ މަސް ވެސް ވެފައިވަނީ އެމީހުންގެ ދިރިއުޅުމުގެ ހިއްސާއަކަށެވެ.

އެގޮތުން މިހާރު ޔޫއޭއީގައި ދިރިއުޅެމުން އަންނަ އިންޑިއާއަށް ނިސްބަތްވާ ވިނޯދް ނަމްބިއާއަކީ ވެސް ރޯދަ މަހަށް އޭނާގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ މީހެކެވެ. ރަމަޟާން މަހުގެ 30 ރޯދަ އޭނާ ހިފާތާ މިހާރު 22 އަހަރު ވެއްޖެ އެވެ.

ވިނޯދު ކިޔައިދިން ގޮތުގައި އޭނާ ރޯދަ ހިފަން ފެށީ ހާލަތު ކަންދިމާކުރި ގޮތުން ނަމަވެސް އެކަން ވެފައިވަނީ އޭނާގެ ދިރިއުޅުމުގެ އާދައަކަށެވެ.

"އިންޑިއާގައި އުޅުނުއިރު މުސްލިމް އަވަށަކަށް ގޮސް އުޅެން. އެމީހުން އަހަންނަށް ރޯދަ މަހު މެންދުރުގެ ކެއުމަށް ދައުވަތު ވެސް ދޭނެ. އެކަމަކު ގޭގެ މީހުން ނުކައި ތިބޭތީ އަހަރެން ވެސް ނުކައި ހުންނަން ފެށީ"

ވިނޯދު އިތުރަށް ބުނީ އެގޮތުގެ މަތިން އޭނާ ރޯދައަށް ހުންނަން ފެށި ކަމަށާއި އެ ސަރަހައްދުގެ މިސްކިތު އިމާމާ ވެސް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އެގޮތުން އިމާމުގެ ޚުތުބާތައް އަހަން ގަވާއިދުން ދާކަމަށާއި އޭރު އުޅުނު ވަޒީފާގެ ގޮތުން ވެސް އެ އިމާމާއެކު އޮތް ގުޅުން ވަރުގަދަވި ކަމަށެވެ.

"އޭނާ ވަނީ އަހަންނަށް ރޯދައިގެ ދީނީ މުހިއްމު ކަމާއި މާއްދީ ފައިދާތަކުގެ ވާހަކަ ވެސް ވަރަށް ރަނގަޅަށް ކިޔައިދީފައި" ވިނޯދި ބުންޏެވެ.

ވިނޯދުގެ ދިރިއުޅުން ޔޫއޭއީއަށް ބަދަލު ކުރުމަށްފަހު ވެސް އޭނާގެ ރޯދަމަހުގެ އާދަތައް ދޫކޮށްލާފައެއް ނުވެ އެވެ. އެހެނެއް ކަމަކު އިސްލާމީ މުޖުތަމައުއެއްގައި އޭނާގެ އެ އާދަތަކަށް ލިބުނީ އިތުރު ހިތްވަރެކެވެ.

ވިނޯދު ބުނީ ޣައިރު މުސްލިމަކަށް ވީތީ އޭނާއަށް އެއްވެސް މީހަކު ތަފާތު ނުކުރާ ކަމަށާއި އާއްމު ރޯދަ ވީއްލުންތަކަށް ވެސް ގޮސް އުޅޭ ކަމަށެވެ.

އަހަރުތަކުގެ ތެރޭގައި ގެންގުޅެވުނު އާދަތަކާއެކު އޭނާއަށް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ކޮށްފައިވާކަން ގަބޫލުުރާ ކަމަށްވެސް ވިނޯދު ބުނެ އެވެ.

އޭނާ ހުރީ އޭނާގެ ސިއްހަތު ތަންދޭނަމަ އުމުރުގެ ދެން އޮތް ބައިގައި ވެސް ރޯދަ މަހުގެ ރޯދަ ހިފަން ތައްޔާރަށް ކަމަށް ވިނޯދު ބުނެ އެވެ.