ޝެފާލީ ޝާހް އަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ގިނަ ރޯލްތަކެއް އަދާކޮށްފައިވާ ތަރިއެކެވެ.

އެގޮތުން އޭނާ، މަޝްހޫރު ތަރިންކަމުގައިވާ އަމީތާބު ބައްޗަން އާއި އަކްޝޭ ކުމާރު ފެނިގެންދާ ފިލްމު 'ވަކްތު' ގައި މަންމައެއްގެ ރޯލު ކުޅެދީފައިވާއިރު، އެ ފިލްމަކީ އޭނާގެ ފިލްމީ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އެއް ފިލްމުކަން ފާހަގަކުރެވެ އެވެ.

ޝެފާލީ ވަނީ ދާދި ފަހުން އިންޑިއާގެ މީޑިއާއަކަށް، އޭނާގެ މަސައްކަތާއި ގުޅޭ ބައެއް ވާހަކަތަކާއި، ޒާތީ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އެގޮތުގެ މަތިން ވާހަކަދައްކަމުން ނޫސްވެރިޔާ ވަނީ ޝެފާލީގެ އެންމެ ބޮޑު ސިއްރަކީ ކޮބާތޯ އޭނާގެ ގާތުގައި ސުވާލުކޮށްފަ އެވެ.

މިސުވާލަށް ޖަވާބުދެމުން ޝެފާލީ ބުނީ، އޭނާ އެންމެންނަށް ސިއްރުކުރި އެއް ކަމަކީ، ބޭރުތެރޭގައި އުޅޭއިރުގައާ، މަގުމަތި ފަދަ މީހުން ގިނަ ތަންތާންގައި ނުދަންނަ މީހުންގެ ފަރާތުން ނުބައި ނިޔަތުގައި އަތްލުމާއި ގައިގޯޅިވުން ކަމަށެވެ. ޝެފާލީ އެކަން ހިއްސާނުކޮށް ސިއްރުކުރީ އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން އަސަރު ކުރުމުން ކަމަށާއި، އެހެންނަމަވެސް މިހާރު އޭނާ އެކަން ފާޅުކޮށް އާންމުންނާއި ހިއްސާކުރަން ބޭނުންވާކަމަށް ޝެފާލީ ބުންޏެވެ.

ޝެފާލީ އިތުރަށް ބުނިގޮތުގައި އެކަމާއި ގުޅިގެން ވާހަކަތައް ހިއްސާކުރަން ބޭނުންވަނީ އާންމުން އިތުރަށް ހޭލުންތެރި ކުރުވުމަށެވެ.