ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުދަލެއް ވިއްކިޔަސް ދަރަނި ނުދެއްކޭނެ ކަމަށް އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު ފެނަކައިގެ ދަރަނި 2.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި އެވެ. އޭގެ ތެރޭގައި އެސްޓިއޯއަށް އެކަނިވެސް 1 ބިލިއަން ރުފިޔާ ފެނަކަ އިން ދައްކަން ޖެހެ އެވެ.
އަމްރު މިހެން ވިދާޅުވީ ލ. ގަމު ފެކަނަ ކޯޕަރޭޝަންގެ އިންޖީނުގެއިން ޑީސަލް ހުސްވެގެން އިއްޔެ އެރަށުން ކަރަންޓް ކެނޑުމާ ގުޅިގެންނެވެ.
އަމްރު ވިދާޅުވީ އިންޖީނުގެއިން ޑީސަލް ހުސްވެގެން ކަރަންޓު ކެންޑުން މިއީ ރާއްޖޭގައި މީގެ ކުރިން ދިމާވި ކަމެއް ނޫން ކަމަށެވެ.
އަމްރު ވިދާޅުވީ ފެނަކައިގެ ހިންގުން ދޯދިޔާވެ ވަނީ ބޮއްސުންލާފައި ކަމަށެވެ. އަދި ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކިޔަސް ދަރަނި ނުދެއްކޭވަރަށް އެ ކުންފުނި ދަރަނިވެރިފައިވާ ކަމަށްވެސް އަމްރު ވިދާޅުވި އެވެ.
އަދި މި މައްސަލައަށް އެއްވެސް ހައްލެއް އެއްވެސް މުއައްސަސާއަކުން ލިބިފައި ނުވާކަމަށްވެސް އަމްރު ވިދާޅުވި އެވެ.
ހުރިހާ އަށް އެނގިފައިވާ ގޮތުގައި ފެނަކައިން އެސްޓިއޯއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ފެނަކައަށް ތެޔޮ ވިއްކުން ހުއްޓައިލަނ އެސްޓިއޯއިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ނިންމައިފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުުން ސަރުކާރުން މަސައްކަތް ކޮށްގެން އެސްޓިއޯއިން ފެނަކައަށް ތެޔޮ ވިއްކަން ފެށި އެވެ.
އަމްރުގެ މި ތުހުމަތުތަކާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާ ގުޅޭތޯ މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ ތަފްސީލެއް ނުލިބެ އެވެ.