އަދާލަތު ޕާޓީން ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ "ރިޔާސީ އިންތިޚާބު"ގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނަކަށް ކުރިމަތި ލެވެންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އެ ޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިދާތާ ވިދާޅުވީ ޕާޓީގެ އިސް މަގާމަކަށް ކުރިމަތި ލުމާމެދު ވަކިގޮތެއް ނުނިންމާ ކަމަށާއި ނަމަވެސް މަގާމަކަށް ވާދަކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވައި، އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ ރައީސްކަމުގެ މަގާމަށް އަންހެނަކަށް ވާދަކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

"އަޅުގަނޑު ވާދަކުރާނެ މަގާމަކާމެދު ގޮތެއް ނުނިންމަން. އެކަމަކު އެކަން ވަރަށް އަވަހަށް އިއުލާންކުރާނަން." އޭނާ ވިދާޅުވި އެވެ.

ޢަދާލަތު ޕާޓީގެ އެއްވެސް އިސް މަގާމަށް ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރިތޯ ސުވާލު ކުރެއްވުމުން ޝިދާތާ އެކަމަށް ސާފު ޖަވާބެއް ނުދެއްވަ އެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާ އޭނާ ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވީ ނޫން ކަމަށެވެ.

"ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް މީގެ ކުރިން ކުރިމަތި ނުލެވޭ. ނަމަވެސް މިހާރު ގެންނަ ބަދަލުގައި ނައިބު ރައީސްގެ މަގާމަށް އަންހެނަކަށް ވާދަކުރެވޭ. އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީއަށް މަޑުމަޑުން ޑިމޮކްރެޓިކް އުސޫލްތައް އަންނަން މިވަނީ ފަށާފައި،" އޭނާ ވިދާޅުވި އެވެ.

ޝިދާތާ އިސްތިއުފާ ދެއްވީ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ޒިންމާ އަދާނުކުރެއްވޭ ކަމަށް ބުނެ، ސަރުކާރު އަދި ރައްޔިތުންގެ ފަރާތުން ވެސް ކުރިމަތިވި ޕްރެޝަރގެ ސަބަބުންނެވެ.

އޭނާ އެ މަގާމު އަދާކުރީ އަދާލަތު ޕާޓީއަށް ކޯލިޝަން ސަރުކާރުން ލިބުނު ސްލޮޓެއްގަ އެވެ. ޝިދާތާ އިސްތިއުފާދެއްވުމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެފައި ވަނީ "ޝިދާތާގެ ތަރި އޮއްސުނީ ނޫން" ކަމަށެވެ.

އަދާލަތު ޕާޓީއާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަމުންދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެ ޕާޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ ދުސްތޫރަށް ބަދަލު ގެންނަން އުޅެނީ މިހާރުގެ ރައީސް އިމްރާން ޢަބްދުﷲ އާއި ނައިބު ރައީސް އަލީ ޒާހިރަށް އަނެއްކާ ވެސް އެ މަގާމުތަކުގައި ދެމިތިބެވޭ ގޮތަށެވެ. އަދި ޝިދާތާ ޝަރީފްއަށް ވެސް ޕާޓީގެ ރައީސް ކަމަށް ވާދަނުކުރެވޭ ގޮތަށް ހެދުމަށެވެ. އަންހެނުންނަށް ފުރުސަތު ހަނިވާގޮތަށް މިފަދަ ގަވައިދުތައް ހެދުމަކީ ގާނޫނުއަސާސީ އާއި ރާއްޖެއިން ބައިވެރިވެފައިވާ މިފަދަ މުއާހަދާތަކާ ހިލާފު ކަމެކެވެ.

ޝިދާތާއަކީ ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ގުޅިފައިވާ އިއްތިހާދުގެ ތެރެއިން އިބްރާހިމް މުޙައްމަދު ސާލިހަށް ވެރިކަން ހޯދައިދިނުމަށް އެޕާޓީން އެންމެ އިސްކޮށް ޙަރަކާތްތެރިވި އެއް ބޭފުޅާ އެވެ. އަދި އިމްރާން ޖަލުގައި ހުންނެވި ދުވަސްވަރު ވެސް އެ މަނިކުފާނުގެ ދިފާއުގައި އަޑު އުފުލި ބޭފުޅެކެވެ.

ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިފަހުން، މިދުވަސްކޮޅު ޝިދާތާ ސިޔާސީ ހަރަކާތްތަކުން ނުފެނެ އެވެ.