މައްކާ (އެޕްރީލް 12) - މި ރޯދަ މަސް ފެށުނު ފަހުން ފުރަތަމަ 20 ދުވަސްތެރޭ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީގެ މާތްވެގެންވާ މައްކާގެ ހަރަމްފުޅަށް ޒިޔާރަތްކޮށް 18 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާކޮށްފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ފަހު ދިހައިގެ ރޭތައް، ރެއިން ފެށިގެން ގުނަމުންދާ އިރު އަދިވެސް އެތައް މިލިއަން ބަޔަކު މައްކާ އަށް ޒިޔާރަތްކުރާނެ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ. ޚާއްސަކޮށް ފަހު ދިހައިގެ ރެއެއްގައި ލައިލަތުލް ގަދުރް ހިމެނޭ މަތިވެރި ރޭގެ ސަވާބާއި ދަރުމަ ހޯދުމަށް ހަރަމްފުޅުގައި އަޅުކަން ކުރަންދާ މީހުން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ރެއިން ފެށިގެން ހަރަމްފުޅުގައި ވަނީ ދަމުނަމާދު ކުރަން ފަށައިފަ އެވެ. ދަމު ނަމާދު ފަށާ ގަޑިއަކީ މައްކާ ގަޑިން ރޭގަނޑު 12.30 އެވެ. އިމާމުވެ ރޭ ދަމު ނަމާދު ކުރެއްވީ ހަރަމްފުޅުގެ އިސް އިމާމް އަބްދުއްރަހްމާން އަލް ސުދައިސް އެވެ. ދަމު ނަމާދު ނިންމާލީ މައްކާ ގަޑިން ދަންވަރު 2 ޖެހި އިރު އެވެ.

މައްކާގެ ހަރަމްފުޅުގައި އެޕްރީލް 7 ވަނަ ދުވަހު ނަމާދު ކުރަނީ: ރޯދަ މަހު ފުރަތަމަ 20 ދުވަހު ވަނީ 18 މިލިއަން މީހުން އުމްރާކޮށްފައި.

ހަރަމްފުޅުގައި ރޭގެ އިޝާ ނަމާދަށް ފަހު ސުދައިސް ވަނީ ލައިލަތުލް ގަދްރީގެ މާތްކަމާއި ހަރަމްފުޅުގައި ނަމާދުކުރުމުގެ މަތިވެރިކަމާ ގުޅޭ ގޮތުން ކުރު ތަގްރީރެއް ދެއްވައިފަ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އެކަނި ވެސް ވަނީ މަސްޖިދުލް ހަރަމްގައި 1.17 މިލިއަން މީހުން ނަމާދުކޮށްފަ އެވެ.

މިއީ ކޮވިޑަށް ފަހު ރާއްޖެ އިން ވެސް އެންމެ ގިނަ މީހުން އުމްރާގެ އަޅުކަމަށް މައްކާ އަށް ދިޔަ ފަހަރެވެ.