ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ އިންޑިއާގެ އެފްކޮން ކުންފުނި ވިއްކާލުމުން ބުރިޖެއްވެސް ނޭޅޭނޭ ކަމަށާއި މިއީ ދިވެހިންނަށް ކުރިމަތިވި މުސީބާތެއް ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް ކުންފުނި ވިއްކާލުމަށް މިހާރުވަނީ ނިންމާފަ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ތިލަމާލެ ބުރިޖު އަޅަމުން އަންނަ އެފްކޮންސް ކުންފުނި ބަނގުރޫޓުވެ އެކުންފުނި ވިއްކާލަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާކަމަށެވެ.
އަދި ތިލަމާލެ ބުރިޖު ނޭޅޭނެ ކަމަށާއި މިއީ މި ފަހުގެ ތާރީހެއްގައި ދިވެހިންނަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކުންފުނީގެ ހަރު މުދާތައް ނުއަގުގައި ވިއްކާލަމުން ދާކަމަށްވެސް ސައީދު ވިދާޅުވި އެވެ.
އަދި އެފްކޮންސް ކުންފުންޏަށް ދިވެހި ސަރުކާރުން ދޭން ޖެހޭ އެއްވެސް ފައިސާއެއް ނުދިނުމަށް ސަރުކާރަށް ގޮވާލާކަމަށް ސައީދު ވިދާޅުވި އެވެ.
އެފްކޮންސްގެ މައި ކުންފުނި ޝަޕޫރްޖީ ޕަލޯންޖީން ގުރޫޕާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެފްކޮންސް ހިމެނޭ ގޮތަށް ބައެއް ވިޔަފާރިތައް ވިއްކާލަނީ 2.5 ބިލިއަން ޑޮލަރަށެވެ. މި ވިޔަފާރިތައް ވިއްކާލަން ނިންމީ ޝަޕޫރްޖީ ޕަލޯންޖީ ގްރޫޕުގެ ދަރަނިތައް ކުޑަކުރުމަށް ކަމަށް ވެސް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.