ރޯދަ ކުރު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އާދަ އެކެވެ. ތަފާތު ކުޅިވަރުތައް ކުޅުމާއި ހަވީރު ފިންޏަށް ބުރު ޖަހަން ނުކުތުމަކީ މިއަދާ ހަމައަށް ވެސް އަހަރުމެންގެ ތެރޭގައި އޮތް އާދަތަކެވެ.

ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތައް ފެށިގެން ގުނަމުންދާއިރު ރޯދަ ކުރު ކުރުމަށްޓަކައި އަހަރުމެން ކުރާ ކަންކަމަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނައުމަކީ އެދެވިގެންވާ ކަމެކެވެ.

ގިނައިން ގުރުއާން ކިޔެވުން

ރަމަޟާން މަހަކީ ކީރިތި ގުރުއާނުގެ މައްސަރެވެ. އެ މައްސަރުގައި ގިނަގިނައިން ކީރިތި ގުރުއާން ކިޔެވުމަކީ އަހަރުމެންގެ މައްޗަށް އޮތް ކަމެކެވެ. އެހެން ކަމުން މި ދުވަސްވަރު ލިބޭ ހުސްވަގުތުތަކުގައި މުނިފޫހި ފިލުވުމުގެ ކަމެއް ކުރުމުގެ ބަދަލުގައި ގުރުއާނުން މިންވަރެއް ކިޔަވާލުން ރަނގަޅުވާނެ އެވެ.

ދީނީ ހޭލުންތެރިކަން އިތުރު ކުރުން

ހަވީރު ފިންޏަށް ސައިކަލު ބުރު ޖަހަން ދިއުމުގެ ބަދަލުގައި ދީނީ ފޮތެއް ކިޔާލާށެވެ. ނުވަތަ ދީނީ ދަރުހެއް އަޑުއަހާާލާށެވެ. މިކަމުގައި އާއިލާގެ އެހެން މެމްބަރުން ވެސް ބައިވެރި ކުރާށެވެ. އޭރުން އާއިލާއާއެކު ވަގުތު ހޭދަކުރެވުމާއެކު ދީނީ މައުލޫމާތުގެ ޚަޒާނާ މުއްސަނދިވާނެ އެވެ.

ސަދަގާތް ކުރުން

ބޭނުންޖެހިފައިވާ ފަރާތްތަކަށް ޒިއާރަތްކޮށް އެމީހުންގެ ހާލު އަހުވާލު ބަލާލާށެވެ. ތިބާގެ ފުދުންތެރިކަން ހުރި މިންވަރަކުން އެފަދަ ފަރާތްތަކަށް ސަދަގާތްކޮށް ރޯދަ މަހުގެ އުފަލުގައި ބައިވެރި ކުރާށެވެ. ކުޑަކުދިންގެ ހިޔާއާއި އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒުފަދަ ތަންތަނަކީ ތިބާގެ ކުޑަ ނަމަވެސް އެހީއެއް ދެވިދާނެ ތަންތަނެވެ.

ރޯދަ މަހުގެ މިހާ ހިސާބަށް އައުމުން އަހަރުމެން އާއްމުކޮށް ރޯދަ ކުރު ކުރަން ކޮށްއުޅޭ ކަންކަން ބަދަލުގައި މި މަހުގެ ހެޔޮކަން ހޯދަން މަސައްކަތް ކުރުން ރަނގަޅުވާނެ އެވެ.