މީގެ ހަ އަހަރު ކުރިން އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލައިފި އެވެ.

އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 17 ވަނަ ދުވަހުގެ ރޭ ގުރޫޕަކުން ގޮސް އޭނާއަށް ހަމަލާދީ ލިޓަސް ސާވިސް ސެންޓަރު ތެރެގައި އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ރޯދަ މަހުގެ ކުރިން ވަނީ ބާއްވާފައި އެވެ. އެ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ހެއްކާބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

މިއަދު ބާއްވާފައި ވަނީ އެމައްސަލާގައި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތެވެ. މިއަދު ބޭއްވި ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ކުރިއަށް އޮތް 30 ދުވަސް ތެރޭގައި މިމައްސަލާގައި ހުކުމް ކުރާނެ ކަމަށެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގޭ، ޖުނައިހު އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.