އާބަންކޯ އަދި އަލް ހިޖްރަ ޖަމިއްޔާ ގުޅިގެން އައުޓްރީޗް ހަރަކާތެއް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.
މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ފެށިގެން 5:30 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ރަމަޟާން މަސްތެރޭގައި ދީނީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށާއި، މައުލޫމާތު ފޯރުކޮށްދީ މިކަންކަމުގެ ތެރޭގައި މީހުން މަޝްއޫލުކުރުމުގެ މަގްސަދުގައި އަލް ހިޖްރަ ޖަމިއްޔާ އިން ކުރިއަށްގެންދާ މި ހަރަކާތުގައި، ކުޑަކުދިންނަށް ޚާއްސަ ސެޝަންތަކުގެ އިތުރަށް ބޮޑެތި މީހުންނަށް ޚާއްސަ ބައިތައް ވެސް އޮންނާނެ އެވެ. އެގޮތުން ސެންޓްރަލް ޕާކު ސަރަހައްދުގައި އެކި ސްޓޯލްތައް ހަދާފައި ހުންނަ އިރު އެ ސްޓޯލްތަކުގައި ފޭސް ޕެއިންޓިން އާއި، ހީނާ އާޓް އަދި މި ނޫން ވެސް ކުޑަކުދިންނާ ގުޅުންހުރި އެކި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.
މީގެ އިތުރުން ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން އެ ސަރަހައްދުގައި ދީނީ އިލްމު އުނގެނިފައިވާ ޝައިހުން ހަރަކާތްތެރިވާއިރު، ދީނީގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމާ މެދު ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރަށް މި ހަރަކާތުގެ ތެރޭގައި ދީނީ އެކި ފޮތް އަދި ލީފްލެޓާއި، މުސްހަފް ވެސް ހިލޭ ބެހުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެ އެވެ.
އަލް ހިޖުރަ އަދި އާބަންކޯ ގުޅިގެން މިއަދު ބާއްވާ މި ހަރަކާތުގެ އިތުރަށް ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީން ބާއްވާ އައުޓްރީޗް ހަރަކާތެއް ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ.