ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހަދައިގެން މަކަރާއި ހީލަތުން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަރުކާރީ އާއި މޭވާ ރާއްޖެ އެތެރެ ކުރި ހުސައިން ޝިފާއުގެ މައްސަލަ އަންނަ ހަފްތާ ތެރޭގައި ކޯޓަށް ފޮނުވާނެ ކަމަށް ދައުލަތުން ބުނެފި އެވެ.

އެކި ގައުމުތަކުގެ ކުންފުނިތަކުން ރާއްޖެއަށް ތަރުކާރިއާއި މޭވާ އެތެރެކޮށް މުދާ އެތެރެކޮށް އެކުންފުނިތަކަށް ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ ފޮނުވި ކަމުގެ ތުހުމަތުގައި، ޝިފާއު ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. \

އޭނާ ހައްޔަރު ކުރި އިރު އޭނާ އަކީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި އޭޕްރީލް 18، 2021 ގައި ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ.

މިދިޔަ މަހު އޭނާ ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެެވެ. އޭނާގެ ބަންދަށް އެ ފަހުން ވެސް 15 ދުވަސް ޖަހާފައިވާއިރު، އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ވެސް އަނެއްކާ ވެސް އިތުރު 15 ދުވަސް ވަނީ ޖަހާފަ އެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި ދައުލަތުގެ ވަކީލް ވަނީ މި މައްސަލަ ކޯޓަށް މި މަހުގެ 20 ވަނަ ދުވަހު ފޮނުވޭނެ ކަަމަށް ބުނެފަ އެވެ.

އޭނާ ސައްހަ ނޫން ޓީޓީ ބޭނުންކޮށްގެން އޭނާ ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ ކަމަށް ބެލޭވެ ލިޔުންތަކެއް ކޯޓަށް ވަނީ ހުށަހަޅާފައި އެވެ.