ގުރައިދޫ ދާއިރާގެ ވޯޓުލާ ވަގުތު އެއް ގަޑިއިރަށް އިތުރު ކުރީ މިސަރުކާރު ވޯޓުން ބަލިވާނެތީ ހިންގި ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ގުރައިދޫ ބައި-އިލެކްޝަން ގެ ވޯޓުލުން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށް ގެންދަން ނިންމީ ޕީޕީއެމްއާއި އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސީދާ ވޯޓުން ސަރުކާރު ބަލިވާނެ ކަން އެނގޭތީ ޖަރީމާ ހިންގަން ކުރި ކަމެއް ކަމަށެވެ. ގަޑި އިތުރުކުރަން ނިންމި ނިންމުން ޕީޕީއެމް އިން ބަލައިނުގަންނަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީގެ ރައީށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ކުރިއަށްދާ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕާޓީތަކާ މަޝްވަރާ ކުރުމެއްނެތި ވޯޓްލުމުގެ ވަގުތު އިތުރުކުރީ ސަރުކާރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގަށް ނުފޫޒު ފޯރުވައިގެންކަމަށެވެ. އަދި އެކަމަށް ފުއާދު އެއްބަސްވެވަޑައިގެންފައިވާ ަކަމށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއީ MDPގެ ހިސާބު ތަކާ ދިމާނުވެގެންކުރި ކަމެއްކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ވަނީ ގުރައިދޫ ދާއިރާގެ ވޯޓުލުން ހަވީރު 5 ޖެހުމާއި ހަމައަށް އިތުރު ކޮށްފައި އެވެ.