ސްކޭމް ކުރުން ހުއްޓުވުމަށް ހުއްޓުވުމަށް ގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން ޓާސްކްފޯހެއް ހަދަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ފާސްކޮށްފި އެވެ.

ޓާސްކްފޯސް އެއް ހެދުމަށް އެސްއޯއީ ކޮމެޓިން ނިންމީ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ގިނަވެ ބޭންކް އޮފް މޯލްޑިވްސްގެ އިތުބާރު ގެއްލޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މައްސަލަ އެކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓްގަ އެވެ.

އެސްއޯއީ ރިޕޯޓްގައި ބުނެފައި ވަނީ އެ ޓާސްކްފޯސް ވާންޖެހޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އުފައްދާ ޓަސްކްފޯސްއެއް ކަމަށެވެ. އަދި އެ ޓާސްކްފޯސް ވާން ޖެހޭނީ މަލްޓި-އޭޖެންސީ ޓާސްކްފޯހަކަށެވެ.

ސްކޭމް ކުރުން ހުއްޓުުވުމަށް މަސައްކަތްކުރާނެ ނިޒާމެއް، ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކާ އެކު މަސަައްކަތްކޮށްގެން ގާއިމްކުރަންވާނެ ކަމަށްވެސް އެރިޕޯޓުގައިވެ އެވެ.

އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އެ ރިޕޯޓް މަޖިލީހުން ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ޓާސްކްފޯސް އުފައްދައި، ސްކޭމާ ދެކޮޅު ނިޒާމު ވެސް އެކުލަވައިލަން ޖެހޭނެ އެވެ.

މުޣުނީ ހުށަހެޅުއްވި މައްސަލާގައި އިތުރަށް ބުނެފައިވަނީ ބޭންކިން ގާނޫނާއި ފުލުހުންގެ ގާނޫނާއި ހެއްކާ ބެހޭ ގާނޫނާއި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ނަމަ އެ ބަދަލުތަކެއް ގެނައުމަށެވެ. އަދި ސައިބާ ސެކިއުރިޓީ ގާނޫނަކާއި ޑޭޓާ ޕްރޮޓެކްޝަން ގާނޫނެއް ހެދުން ހިމަނާފައިވެ އެވެ.

އޮޅުވާލައިގެން އެކި މުވައްސަސާތަކުގެ ނަމުގައި ގުޅައި އަދި މެސެޖްކޮށްގެން ފައިސާ ހޯދާ މައްސަލަ ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. ކުންފުނިތަކުގެ ނަމުގައި ފޮނުވާ ލިންކުތަކާއި، ކުރާ ސްކޭމް ކޯލްތަކުގައި އަމިއްލަ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ.